ށ. ފުނަދޫ ބަނދަރުމަތީގައި ހުންނަ އަމިއްލަ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެ ހިނގި ހާދިސާއެއްގައި 16 މީހަކަށް އެކިވަރުގެ އަނިޔާވެ، އެ ރަށު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

މި ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ހަތަރު އަންހެނުންނާއި 12 ފިރިހެނުން ހިމެނެއެވެ. ހޮސްޕިޓަލުގެ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، އަނިޔާވި މީހުންގެ ތެރެއިން ހަ މީހަކަށް ފިހިގެން ފަރުވާ ދެމުން އަންނައިރު، އަނެއް ހަ މީހަކަށް ދުމުގެ އަސަރުކޮށް، ހަތަރު މީހަކު ހޭނެތިގެން ވަނީ ގެންގޮސްފައެވެ. އަދި އަލިފާން ނިއްވުމަށް ހަރަކާތްތެރިވި އެއާޕޯޓުގެ ދެ ފަޔަރ ފައިޓަރުންނަށް ވެސް ދުމުގެ އަސަރުކޮށްގެން ދަނީ ފަރުވާދެމުންނެވެ.

އޮފިޝަލް ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށާއި، ފިހުނު މީހުންނަކީ ހާދިސާ ހިނގިއިރު ޓޭންކު ގޮވުމާއެކު ގާތްގަނޑަކަށް 200 ފޫޓަށް ބުރައިގެންދިޔަ ތަކެތީގެ އަސަރުކޮށްގެން އަނިޔާވި މީހުން ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މި ހާދިސާ ހިނގި ހިސާބުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި މިހާރުވެސް ދިވެހި ފުލުހުންގެ ޚިދުމަތާއި، ސިފައިންނާއި، މެރިއޮޓް ވަނގަރު ރިސޯޓުގެ ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.