ޗައިނާގައި ކިޔެވުމަށް އެ ގައުމުގެ ސަރުކާރުން ދޭ "ޗައިނީޒް ގަވަމަންޓް ސްކޮލަޝިޕް" އަށް ކުރިމަތިލުމުގެ ފުރުސަތު 2027/2028 ތައުލީމީ އަހަރަށް ހުޅުވާލާފައިވާކަން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މިއަދު އިއުލާނުކޮށްފިއެވެ.

މި ސްކޮލަޝިޕަކީ ޗައިނާގެ ޔުނިވަރސިޓީތަކުން ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ސްކޮލަޝިޕެކެވެ. މި އަހަރު ހުޅުވާލި ފުރުސަތުގައި ވެސް ފުރިހަމަކުރަންޖެހޭ ހުރިހާ ލިޔެކިއުންތަކެއް ހުށަހަޅަންޖެހޭނީ އޮންލައިންކޮށް ކަމަށް އެމްބަސީން މައުލޫމާތުދެއެވެ.

ދަރިވަރުން އެޕްލިކޭޝަން ހުށަހަޅަންޖެހެނީ "ޗައިނީޒް ގަވަމަންޓް ސްކޮލަޝިޕް އިންފޮމޭޝަން ސިސްޓަމް ފޯ އިންޓަނޭޝަނަލް ސްޓުޑެންޓްސް" ވެބްސައިޓް މެދުވެރިކޮށެވެ. މި ވެބްސައިޓުން ސްކޮލަޝިޕާ ގުޅޭ އިތުރު ތަފްސީލުތައް ލިބެން ހުންނާނެ ކަމަށްވެސް އެމްބަސީން ބުނެފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

އަންޑަ ގްރެޖުއޭޓް ކޯސްތަކަށް ކުރިމަތިލާ ދަރިވަރުން "ޗައިނާ ސްކޮލަސްޓިކް ކޮމްޕީޓެންސީ އެސެސްމަންޓް" ފުރިހަމަކުރަން ޖެހޭނެއެވެ. އަދި ސްކޮލަޝިޕަށް އެޕްލައިކުރާއިރު މި އެސެސްމެންޓުގެ ނަތީޖާ ހުށަހެޅުމަކީ މަޖުބޫރު ކަމެއް ކަމަށް އެމްބަސީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ކިޔަވަން ފަށަން ބޭނުންވާ ދަރިވަރުން، މިއަހަރުގެ ނޮވެމްބަރު، ޑިސެމްބަރު ނުވަތަ އަންނަ އަހަރުގެ ޖެނުއަރީ މަހު ކުރިއަށްދާ އެސެސްމަންޓުގައި ބައިވެރިވާންޖެހޭނެއެވެ. މީގެ އިތުރުން ކިޔަވަން ބޭނުންވާ ކޯސް ކުރިއަށްދަނީ ޗައިނީޒް ބަހުން ނަމަ، އެ ބަހަށް ފަރިތަކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. ނަމަވެސް ކޯސް މޮޑިއުލްއެއްގެ ގޮތުގައި ޗައިނީޒް ކިޔަވާ ދަރިވަރުންނާއި މީގެ ކުރިން ޗައިނީޒް ބަހުން ކޯހެއް ފުރިހަމަކޮށްފައިވާ ދަރިވަރުން އެ ބަސް އެނގޭކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށް އެމްބަސީން ބުނެއެވެ.

ދިވެހި ދަރިވަރުން ހުށަހަޅާ އޮންލައިން އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީންނެވެ. އެމްބަސީގެ އިއުލާނާއެކު، ސްކޮލަޝިޕްގެ ޝަރުތުތަކާއި ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން އަންގައިދޭ ލިޔެކިއުންތައް މިހާރު ވަނީ އާންމުކޮށްފައެވެ.