އިދިކޮޅު މާލީދީ ކަންކަމާއި ސިޔާސީ ހަރަކާތްތައް ވަރުގަދަކުރަމުންދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ތާއީދުކުރައްވައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް މިއަދު އޭނާގެ ކެމްޕޭން ހަރަކާތްތަކާ ގުޅިވަޑައިގެންފިއެވެ.

މިއީ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީއަށް އެމްޑީޕީގެ ތެރޭގައި ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ފައްޔާޒުގެ ކެމްޕޭނަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. މޭޔަރު އާތިފް ވަނީ ފައްޔާޒާއެކު އައްޑޫ ސިޓީގައި ކުރިއަށްދާ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަން ފައްޓަވާފައެވެ.

ފައްޔާޒުގެ ކެމްޕޭން ޓީމުން ވަނީ އޭނާއާއެކު މޭޔަރު އާތިފް އައްޑޫގައި މިއަދުގެ މެންދުރުގެ ކެއުމަށް އިންސާފުކުރައްވާ ފޮޓޯއެއް އާންމުކޮށްފައެވެ. މީގެއިތުރުން އާތިފް އަންނަނީ ފައްޔާޒާއެކު އައްޑޫގެ ދޮރުން ދޮރަށް ހިންގަވާ ކެމްޕޭން ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އިޝްތިހާރު އިޝްތިހާރު

"ބޮޑު ބަދަލު" ގެ ނަމުގައި ފައްޔާޒް ކެމްޕޭން ކުރައްވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދާ ގުޅިވަޑައިގެންނެވެ. މިއީ ޕާޓީގެ އެތެރޭގެ އިސްލާހީ ބަދަލުތަކަކަށް އަމާޒުކޮށްގެން ކުރިއަށްދާ ކެމްޕޭން ހަރަކާތެއް ކަމަށް ފައްޔާޒުގެ ޓީމުން އަންނަނީ ބުނަމުންނެވެ.

އަނެއްކޮޅުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ޕްރައިމަރީއަށް ނެރެން ނިންމާފައިވާ ކެންޑިޑޭޓަކީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމެވެ. ފައިސަލްގެ ރަނިން މޭޓަކަށް މާލޭގެ މޭޔަރު އާދަމް އަޒީމް ހަމަޖެއްސެވުމަށް ވަނީ ނިންމަވާފައެވެ.

މީގެއިތުރުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަހްމަދު ޝަމްހީދު ވެސް އަންނަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުންނެވެ.