އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާތައް ފެށިދާނޭކަމުގެ އުންމީދު އައު ވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އިތުރަށް ދަށަށް ހިނގައްޖެއެވެ.
ގަތަރު މެދުވެރިގެން އީރާނާއި އެމެރިކާއާ ދެމެދު މެސެޖްތައް ބަދަލުކުރެވި، ދެ ފަރާތުގެ ވަފުދުތައް ގައުމުތަކަށްގޮސް ކުރި މަޝްވަރާތަކާ އެކު ބާޒާރުގައި ތެލުގެ އަގު އިއްޔެވަނީ 4 އިންސައްތަ ދަށަށް ގޮސްފައެވެ.
ނަމަވެސް، އެމެރިކާއާއި އީރާނާ ދެމެދު ބަދަލު ކުރެވެމުންދާ މެސެޖްތަކާއި، އެމެރިކާއިންވެސް ހިސާބެއްގެ ދޫތަކެއް ދީފައިވުމާއި، ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ފެށިދާނޭ ކަމުގެ އުންމީދާއެކު ތެލުގެ އަގު އަނެއްކާވެސް މިއަދުވަނީ ދަށަށް ގޮސްފައެވެ.
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގުން 6.1 އިންސައްތަ މިއަދުވަނީ ހެޔޮ ވެފައެވެ. އެއީ، ފީފާއެއް 106.54 އެމެރިކާ ޑޮލަރެވެ.
އެމެރިކާގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގުން 6.3 އިންސައްތަ ދަށްވެ ފީފާއެއްގެ އަގު މިހާރުވަނީ 97.56 ޑޮލަރަށް ތިރިވެފައެވެ.
އީރާނުން މިހާރުވަނީ ދެދުވަހުގެ ތެރޭގައި ހޮރްމޫޒު ކަނޑުއޮޅި މުޅިން ހުޅުވާލުމުގެ ޕްލޭނެއް އެމެރިކާއަށް ހުށަހަޅާފައެވެ. އެއީ، އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް އެމެރިކާއިން ފުރިހަމަ ކުރުމުންނެވެ.
ހޮރްމޫޒު ކަނޑުއޮޅިއަކީ، ދުނިޔޭގައި ތެލުގެ ވިޔަފާރީގެ 20 އިންސައްތަ ތެޔޮ ބަދަލުކުރެވޭ ކަނޑުމަގެވެ.
އީރާނުން ބުނެފައިވަނީ، އެމެރިކާއިން އީރާނުގެ ޝަރުތުތައް ފުރިހަމަކޮށްފިނަމަ 48 ގަޑިއިރުގެ ތެރޭގައި ހޮރްމޫޒު ހުޅުވާލައި އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައްވެސް ފަށަން ތައްޔާރަށް އޮތް ކަމަށެވެ.
އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން މިއަދު ވިދާޅުވީ، އެމެރިކާއާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ، އީރާނު ސަރުކާރަށް މިއަދު އިތުރު އައު ބާރުތައް ދެއްވާފައިވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު