ހޮރްމޫޒު ކަނޑުއޮޅީގެ މައްސަލާގައި އީރާނާއި އުމާނާ ދެމެދު ކުރެވެމުންދާ މަޝްވަރާތަކުގެ ނަތީޖާއާމެދު އަދިވެސް ޔަގީންކަމެއް ނެތުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފިއެވެ.
ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އިއްޔެ 79.08 އެމެރިކާ ޑޮލަރުގައި ހުރި ނަމަވެސް އެ އަދަދު މިހާރުވަނީ 83.55 ޑޮލަރަށް މަތިވެފައެވެ. އެއީ 5.7 އިންސައްތައިގެ މަތިވުމެކެވެ.
ހޮރްމޫޒު މެނޭޖްކުރުމާ ގުޅޭގޮތުން އީރާނާއި އުމާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށްފަހު ދެފަރާތުން އޮނިގަނޑަކަށް އެއްބަސްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި އެ އޮނިގަނޑަށް އީރާނުގެ އެންމެމަތީ ވެރިންގެ ރުހުން ހޯދަން ހުށަހެޅިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އީރާނާއި އުމާނާ ދެމެދު ހަދާ އެއްބަސްވުން ފައިނަލްވުމާއެކު، ހޮރްމޫޒު ކަނޑުއޮޅި ހުޅުވިގެން ދާނެކަމަށް އެންމެންވެސް ގެންދަނީ އުންމީދު ކުރަމުންނެވެ.
ހޮރްމޫޒު ހުޅުވުމާއެކު، އުޅަނދުފަހަރަށް މިނިވަން ކަމާއެކު ހޮރްމޫޒު ހުރަސްކުރެވޭގޮތްވެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަރަށް ބޮޑަށް ތިރިވެގެންދާނޭ ކަމަށް ވިޔަފާރިވެރިން އުންމީދު ކުރެއެވެ.
ހަމަ އެއާއެކު، ވިޔަފާރި މުދަލުގެ އަގުތައްވެސް ތިރިވެގެންދާނެ ކަމަށް އުންމީދު ކުރެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އީރާނާއި އުމާނާ ދެމެދު ހަދާ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، އެމެރިކާއިން އީރާނުގެ ބްލޮކޭޑް އުވާލާނެއެވެ.
ހޮރްމޫޒު މެނޭޖްކުރުމާ ގުޅޭގޮތުން އީރާނާއި އުމާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާ ބައިވެރިއެއް ނުކުރެއެވެ.
އެހެން ނަމަވެސް، އެމެރިކާއިންވެސް އުންމީދުކުރަމުންދަނީ އީރާން-އުމާން އެއްބަސްވުމަކަށް ދެވި ހޮރްމޫޒު ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުން މިއަދު ބުނެފައިވަނީ، ހޮރްމޫޒު ހުޅުވުމަކީ އީރާނާއި އުމާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް ބިނާވެފައިވާ ކަމެއް ނޫން ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މަތިވެ މާރުކޭޓުގެ ޔަގީންކަން ކުޑަވަމުންދަނީ ހޮރްމޫޒު ހުޅުވޭނެ ކަމުގެ ޔަގީންކަމެއް ނެތުމުންނެވެ.









ކިޔުންތެރިންގެ ހިޔާލު