ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ކީރިތި ގުރްއާން ހިތުދަސްކުރުމުގެ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއީ ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ އަދި ދައުވާ އެންޑް ގައިޑެންސް ގުޅިގެން، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ހުޅުވާލައިގެން އިންތިޒާމުކުރާ މުބާރާތެކެވެ.

ޑރ. ޝަހީމް ފޭސްބުކްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މުބާރާތް އިންތިޒާމު ކުރުމާ ގުޅޭ ފަހުގެ ނިންމެވުންތައް ނިންމެވުމަށްޓަކައި ސައޫދީގެ މިނިސްޓްރީގެ ހާއްސަ މަންދޫބަކު މިހާރު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އަދި މި މުހިންމު މުބާރާތް ބޭއްވުމަށް ބޭނުންވާ އެންމެހައި މާލީ އެހީތެރިކަން ސައޫދީ އަރަބިއްޔާގެ ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާތީ، އެ ގައުމުގެ ސަރުކާރަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އިޝްތިހާރު އިޝްތިހާރު

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ތާވަލުކުރެވިފައިވާ މި މުބާރާތަކީ، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކީރިތި ގުރްއާން ހިތުދަސްކުރުމުގެ ޝައުގުވެރިކަން އިތުރުކުރުމަށާއި، އިސްލާމީ ތައުލީމީ ދާއިރާއިން އޮތް ގުޅުން ބަދަހިކޮށް ސަރަހައްދީ އެއްބައިވަންތަކަން ހަރުދަނާކުރުމަށް ލިބިގެންދާނެ އަގުހުރި ފުރުސަތެކެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މެދުކެނޑުމެއް ނެތި ބޭއްވޭނެ މުބާރާތަކަށް ހެދުމާއި، ހާފިޒުންގެ އާ ޖީލެއް ބިނާކުރުމަށް މަގުފަހިކޮށްދޭ ދާއިމީ މަންސައަކަށް މިކަން ހެދުމެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިފްޒުކުރުމުގެ ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ރާއްޖޭގައި މިހާރުވެސް 300 އަށް ވުރެ ގިނަ ހާފިޒުން އެބަތިއްބެވެ. އަދި 1،800 އަށް ވުރެ ގިނަ މީހުން އަންނަނީ ގުރުއާން ހިތުދަސްކުރަމުންނެވެ.