ޙައްޖާއި ޢުމްރާގެ އަޅުކަމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދިވެހިންނަށް ދެވޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށާއި، އިސްލާމީ ތަޢުލީމާއި ފަންނީ ތަމްރީނުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލް ބަދޫރާ ސަޢީދު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ޑރ. ޝަހީމް ވަނީ ކޮންސުލް ޖެނެރަލްގެ މަޤާމާ އަލަށް ޙަވާލުވެވަޑައިގެންނެވި ބަދޫރާ ސަޢީދަށް މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެ، އެކަމަނާގެ މަސައްކަތްޕުޅަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، މާތްވެގެންވާ ދެ ޙަރަމްފުޅަށް ޒިޔާރަތްކުރާ ދިވެހި ޙައްޖާޖީންނާއި ޢުމްރާވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، ވުޒާރާއާއި ޖިއްދާގެ ކޮންސިއުލޭޓާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، އެ ޤައުމުގައި ތިބޭ މުއްދަތުގައި އެކި ކަންކަމުގައި ދިވެހިންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް ކޮންސިއުލޭޓުގެ އެއްބާރުލުން މެދުކެނޑުމެއްނެތި ދެއްވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ރާއްޖޭގެ އިމާމުންނާއި ދަރިވަރުންގެ ޢިލްމީ ފެންވަރު މަތިކުރުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އެގޮތުން ޢަރަބި ބަހުގެ ހުނަރު އިތުރުކުރުމަށާއި، އިސްލާމީ ޢިލްމުގެ ދާއިރާއިން ސްކޮލަރޝިޕްތަކާއި ކުރު މުއްދަތުގެ ޚާއްޞަ ތަމްރީނު ފުރުޞަތުތައް ފަހިކުރުމަށް ޔުނިވަރސިޓީތަކާއެކު ކުރެވޭ މަޝްވަރާތަކުގައި ކޮންސިއުލޭޓުގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.