ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކުރިއަށް އޮތް ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންގެ އެންމެހައި ކަންކަން އެންމެ އަމާން އަދި ފުރިހަމަ އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ދެފަރާތުން ޢަމަލުކުރާނެ އުސޫލުތައް އެކަށައެޅުމެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ސަޢޫދީ ޢަރަބިއްޔާގައި ކުރިއަށްދިޔަ 6 ވަނަ ޙައްޖު ކޮންފަރެންސްގެ ހަވާސާގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އުސާމް މުޙައްމަދު ސަޢީދު ސޮއިކުރެއްވިއިރު، ސަޢޫދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ޢަބްދުލް ފައްތާޙް މަޝާޠެވެ.

އިޝްތިހާރު އިޝްތިހާރު

ޙައްޖުގެ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި ގެންގުޅޭނެ އުސޫލުތަކާއި، ރާއްޖެއިން ޙައްޖުގެ ޚިދުމަތްދޭ ކުންފުނިތަކުން ހިފަހައްޓަންޖެހޭ މިންގަނޑުތަކުގެ އިތުރުން، ޙައްޖު މޫސުމުގައި ޙައްޖުވެރިންގެ ކަންކަން ގާތުން ވިލަރެސްކުރުމަށް އެކުލަވައިލެވޭ "ރާއްޖޭގެ ޙައްޖު މިޝަން" އާ ގުޅޭ މުހިންމު އިންތިޒާމުތައް މި އެއްބަސްވުމުގައި ވަނީ ބަޔާންކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަ އަދި ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަށްޓަކައި ޚާއްޞަ އިސްކަމެއް ދީގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވޭތުވެދިޔަ 2 އަހަރަކީ ރާއްޖޭގެ ޙައްޖު އިންތިޒާމުތަކަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައިސް، ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ޙާޞިލުކުރެވުނު 2 އަހަރެވެ.

އެގޮތުން މިނާއާއި އަރަފާތުގައި ޙައްޖުވެރިން ތިބޭ ޓެންޓުތަކުގެ ފެންވަރު މަތިކުރުމާއި، ސަޢޫދީގައި ހޭދަކުރާ މުއްދަތުގައި ހިލޭ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

މީގެއިތުރުން، ޙައްޖުވެރިންނަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ލުޔަކީ "މައްކާ ރޫޓް އިނީޝިއޭޓިވް" ގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރެވިގެންދިޔުމެވެ. މި ނިޒާމުގެ ސަބަބުން، ރާއްޖެއިން ފުރުމުގެ ކުރިން ދެ ޤައުމުގެ އިމިގްރޭޝަން މަރުޙަލާތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރިހަމަކުރެވޭތީ، ޖިއްދާގެ އެއާޕޯޓުގައި ކިއޫގައި މަޑުކުރުމެއް ނެތި ސީދާ ހޮޓަލަށް ދިއުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.

އަދި ޙައްޖުވެރިންގެ ލަގެޖްތައް ވެސް އެއާޕޯޓުން އަމިއްލައަށް ނަގަން ނުޖެހި، ސީދާ ހޮޓަލުގެ ކޮޓަރިއާ ހަމައަށް ރައްކާތެރިކަމާއެކު ގެންގޮސްދިނުމުގެ ފަސޭހަ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގެ އިތުރުން، ކުރިއަށް އޮތް ޙައްޖުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް ހިންގުމަށްޓަކައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ސަޢޫދީގެ ކަމާގުޅޭ އެކި މުއައްސަސާތަކާ ދެމެދު އިތުރު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ. ސަޢޫދީ ސަރުކާރުން މިހާރު ވަނީ ޙައްޖުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން، ސިއްޙީ ޚިދުމަތާއި، ދަތުރުފަތުރާއި، އެކޮމޮޑޭޝަން ހިމެނޭހެން ޙައްޖާ ގުޅޭ އެންމެހައި ކަންކަމުގެ މިންގަނޑުތަކަށް ޒަމާނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

މި އެއްބަސްވުމުގެ ސަބަބުން، 1448 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދަތުރުކުރާ އެންމެހައި ދިވެހި ޙައްޖާޖީންނަށް، ދަތުރުގެ ހުރިހާ މަރުޙަލާއެއްގައި ވެސް އިތުރު ލުއިފަސޭހަކަމާއި ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމުގެ ޔަޤީންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއެވެ.