އއ. ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އއ. ފެރިދޫ / ރޯޒްމީޑް، އާދަމް ނިމާލް (44އ) އާއި އއ. ފެރިދޫ / ބިލަމަގުމާގެ، ޢަލީ ޢާމިރު (43އ) އެވެ.
ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތި ގެންގުޅެ އަދި ބޭނުންކުރާކަމުގެ ތުހުމަތުގައި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ފެރިދޫ ޕޮލިހާއި ހިމަންދޫ ޕޮލިސް އަދި މާޅޮސް ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންއެއްގައި ކަމަށެވެ.
އެގޮތުން މި މަހު 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ޢަލީ ޢާމިރު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 42 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން މި މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އާދަމް ނިމާލް ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 21 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.