ބާޒާރުގައި ކެރެޓުގެ އަގު އާދަޔާ ޚިލާފަށް މައްޗަށް ދިޔައީ ސަޕްލައި ކުރުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން ކަމަށާއި، މިހާރު އެ މައްސަލަ ހައްލުވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ލޯކަލް މާރުކޭޓާއި ބާޒާރުގެ ބައެއް ފިހާރަތަކުގައި ކެރެޓު ކިލޯއެއްގެ އަގު 170 ރުފިޔާއަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ. ބާޒާރުގައި ކެރެޓުގެ އަގު އިންތިހާއަށް އުފުލިގެން ދިޔަ ނަމަވެސް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކެރެޓު ކިލޯއެއް ވިއްކަމުން ދިޔައީ 40 ރުފިޔާއަށެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓަރު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކެރެޓުގެ އަގު ބޮޑުވި މައްސަލަ ބެއްލެވުމުން އެނގިވަޑައިގެންނެވީ ސަޕްލައި ކުރުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމެވެ. ނަމަވެސް، އެ ދަތިކަމުގެ ތެރޭގައިވެސް އެސްޓީއޯއިން ކެރެޓު ކިލޯއެއް 40 ރުފިޔާއަށް ވިއްކަމުން ގެންދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ސަޕްލައިގެ ދަތިކަން ކުރިމަތިވި ކުންފުނިތަކުގެ މުދާ މިހާރު ކަސްޓަމްސްއިން ކްލިއާ ކުރެވިފައިވާ ކަމަށާއި، އެހެންކަމުން ވިޔަފާރިވެރިން އަގު ބޮޑުކޮށް ކެރެޓު ނުވިއްކާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، މި ވަގުތުވެސް އެސްޓީއޯއިން އިތުރު ކެރެޓު ކޮންޓެއިނަރުތައް ކްލިއާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސައީދު ވިދާޅުވިއެވެ.