އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ވަޒަންވެރިން ހިފާފައިވާ ހުޅަނގު އައްސޭރީގައި ބޮޑެތި ޖަރީމާތައް ހިންގައިފިއެވެ.
ފަލަސްތީނު ސަރުކާރުން ބުނީ، ޔަހޫދީ ޓެރަރިސްޓުން ހުޅަނގު އައްސޭރީގެ ތިން އަވަށެއްގައި ލާއިންސާނީ އެތައް ޖަރީމާތަކެއް ރޭގައި ހިންގާފައިވާ ކަމަށެވެ.
އެގޮތުން، ފަލަސްތީނު އާންމުންގެ 12 ވެހިކަލާއި، އެތައް ގެއެއްގައި ހުޅުޖަހައި އަންދާލާފައިވާ ކަމަށެވެ. މި ޖަރީމާތައް ހިންގާފައިވަނީ ކަފްރް މަލިކާއި، ދީރު އަބޫ މަޝްއަލްއާއި، ދީރު އަލް ސޫދާން އަވަށުގައި ކަމަށްވެސް ބުނެފައި ވެއެވެ.
ޔަހޫދީ ޓެރަރިސްޓު ވަޒަންވެރިން ހުޅަނގު އައްސޭރީގެ ރަށްތަކުގައި މި ފަދަ ޖަރީމާތައް ހިންގަމުންގެންދަނީ އިސްތިއުމާރީ ސިފައިންގެ ފުރިހަމަ ހިމާޔަތުގައި ތިބެއެވެ.
އިސްތިއުމާރީ ދައުލަތުގެ ބޮޑުވަޒީރުކަމާ ހަވާލުވާން ތައްޔާރުވެފައިވާ ގާޑީ އެއިޒެންކޮޓްވަނީ، ވަޒަންވެރިން ހިންގި މި ޖަރީމާތައް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. އެއިޒެންކޮޓް ބުނީ މިއީ ހުރިހާ މާނައެއްގައިވެސް ޔަހޫދީ ޓެރަރިޒަމް ކަމަށެވެ.
އޭނާ ބުނެފައިވަނީ، ހުޅަނގު އައްސޭރީގައި މިފަދަ ޖަރީމާތައް ހިންގުމަށް އެހީވެދީ ހިތްވަރުދެނީ ނަތަންޔާހޫގެ ކެބިނެޓުގައި ހިމެނޭ ބެން ގުވީރާއި، ސްމޮރިޗް ކަމަށެވެ.
ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސްފައިވާއިރު، ފަލަސްތީނު އާންމުންނަށް ހަމަލާދީ މީހުން ޝަހީދުކުރުމާއި، އެމީހުންގެ ގެދޮރު ފޭރިގަތުމާއި، ވިޔަފާރީގައި ހުޅުޖެހުމާއި، ވެހިކަލްތައް އެންގުމުގެ އިތުރުން، ފަލަސްތީނު މީހުންގެ ޒައިތޫނި ދަނޑުބިންތައް ހަލާކުރުމާއި، ނައަމްސޫފިތައް ވަގަށް ނެގުންވެސް އާންމު ކަމަކަށް ހަދާފައި ވެއެވެ.
މިހުރިހާ ޖަރީމާތައް ހިންގާއިރު އެމީހުންނަށް ހިމާޔަތްދެނީ އިސްތިއުމާރީ ސިފައިންނެވެ. އަދި ޖަރީމާތައް ހިންގުމުގައި ސިފައިންވެސް ގެންދަނީ ބައިވެރިވަމުންނެވެ.
ހިފާފައިވާ ހުޅަނގު އައްސޭރިއާއި، ހިފާފައިވާ ގުދުސްގެ އެކި ހިސާބުތަކުގައި ޣައިރުގާނޫނީ 156 ޔަހޫދީ އާބާދީތައް އިސްރާއީލުން ހަދާފައި ވެއެވެ. އެ އާބާދީތަކުގައި 750،000 އަށްވުރެ ގިނަ ޔަހޫން ވަޒަންވެރިކޮށްފައި ވެއެވެ.
ޔަހޫދީ ވަޒަންވެރިން ހުޅަނގު އައްސޭރީގައި ޓެރަރިޒަމްގެ ބޮޑެތި ޖަރީމާތަކެއް ހިންގަނީ
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.