އިސްތިއުމާރީ އިސްރާއީލުން މުޅި ހުޅަނގު އައްސޭރި ހަފްތާއަކަށް "ލޮކްޑައުން" ކޮށްފިއެވެ.

މިއީ، ޔަހުދީންގެ ޚާއްސަ އަޅުކަމުގެ ހަފްތާއާ ދިމާކޮށް ފަލަސްތީނު ރައްޔިތުންނަށް ދަތިކޮށް ފުރައްސާރަކުރަން އެޅި ފިޔަވަޅެކެވެ.

ފަލަސްތީނު ސަރުކާރުން ބުނެފައިވަނީ، ހުޅަނގު އައްސޭރީގެ އެކި ރަށްތަކުގައި އިސްތިއުމާރީ ސިފައިން ޖަހާފައިވާ ޗެކް ޕޮއިންޓްތައް ބްލޮކްކޮށް، ހައިވޭތަކާއި މަގުތައްވެސް ބަންދުކޮށްފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ ރަށްތަކަށް ވަންނަ މައި ގޭޓުތައްވެސް އިސްތިއުމާރީ ސިފައިން ވަނީ ބަންދުކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ބައެއް ސަރަހައްދުތަކުގައި އަސްކަރީ ޗެކް ޕޮއިންޓްތައް ޖަހައިގެން ފަލަސްތީނު އާންމު ހުއްޓުވައި ފުރައްސާރަ ކުރަމުންދާ ކަމަށްވެސް، ފަލަސްތީނުން ބުނެއެވެ.

އިސްތިއުމާރީ ސިފައިންގެ ހުރަސްއެޅުންތަކުގެ ސަބަބުން ފަލަސްތީނު ރައްޔިތުންނަށް މަސައްކަތަށް ނުދެވި، އަމިއްލަ ގެއަށްވެސް ނުދެވި އަދި ޚިދުމަތެއް ހޯދަންވެސް ތާކަށް ނުދެވި މިހާރު ތިބީ ބަންދުވެފައެވެ.

އެތަކެއް އާއިލާތަކެއް މަދުތައްމަތީގައި ވެހިކަލްތަކުގައި ތާށިވެފައި އެބަތިއްބެވެ.

އަނެއްކޮޅުން، ޣައްޒާއަށް ހަދާފައިވާގޮތް ހުޅަނގު އައްސޭރިއަށްވެސް ހެދުމަށާއި، ހުޅަނގު އައްސޭރިއާ ދެކޮޅަށް "ހަނގުރާމަ" ކުރުމަށް ޒަޔަނިސްޓު ހަރުކަށި މިނިސްޓަރު ސްމޮރިޗް ސިފައިންނަށް ގޮވާލި ގޮވާލުން ފަލަސްތީނު ސަރުކާރުންވަނީ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.

ފަލަސްތީނު ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްމޮރިޗްގެ ވާހަކައިން، އިސްތިއުމާރީ ދައުލަތުގެ ޕްލޭނަކީ ހުޅަނގު އައްސޭރީގެ ނަސްލުނައްތާލުގެ ޖަރީމާ ފުޅާކޮށް، ފަލަސްތީނު ރައްޔިތުން ރަށުން ބޭރުކޮށް ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުންކަން ވަރަށް ސާފުކޮށް ހާމަވާ ކަމަށެވެ.

އިސްތިއުމާރީ ސިފައިން ހުޅަނގު އައްސޭރި ލޮކްޑައުންކޮށް އުދުވާނުތައް ހިންގަމުން ގެންދާއިރު، 2023 ވަނަ އަހަރު ޣައްޒާއަށް ދޭންފެށި ޓެރަރިސްޓު ހަމަލާތަކާއެކު ހުޅަނގު އައްސޭރީގައިވެސް އުދުވާނުތައް ފުޅާކުރިއެވެ. އެގޮތުން ހުޅަނގު އައްސޭރިން މިހާތަނަށް 1،206 މީހުން ޝަހީދުކޮށްލާފައި ވާއިރު، 13،000 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައި ވެއެވެ. 26،000 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައި ވެއެވެ.

މީގެއިތުރުން، އާންމުންގެ ގެދޮރު ހަލާކުކޮށް، ސަރުކާރުގެ އިމާރާތްތައް ބިނާހަމަކޮށް، މިސްކިތްތަކުގައި ހުޅުޖަހައި، ދަނޑުބިންތައް ހަލާކުކޮށް، ދަނޑުވެރިންނަށް ހުރަސްއަޅައި، އެމީހުންގެ ނައަމްސޫފިތައް ވަގަށް ނަގައި، ފަލަސްތީނު އާއިލާތައް ގެދޮރުން ބޭރުކޮށް، ހުޅަނގު އައްސޭރީގެ އިތުރު ބިންތަކަށް މިހާރުވެސް ގެންދަނީ ވެރިވެގަންނަމުންނެވެ.