އިސްތިއުމާރީ އިސްރާއީލު ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރަށެއް ކަމަށްވާ ޖެނީން ހިފައިފިއެވެ.

އިސްތިއުމާރީ ސިފައިން ޖެނީން ހިފާފައި މިވަނީ، ޖެނީންގެ ގެއަކަށް މިއަދު ދިން ވަރުގަދަ މިސައިލް ހަމަލާތަކަށް ފަހުގައެވެ.

މި ހަމަލާގައި 3 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުން ބުނެފައި ވާއިރު، އިސްރާއީލު ސިފައިންވަނީ ޖެނީންގެ މަގަކުން ދަތުރުކުރި ކާރަކަށްވެސް މިއަދު ބޮންއަޅާފައެވެ. ބޮންއެޅި ކާރުގައި ދަތުރުކުރީ ހަމާސްގެ ކޮމާންޑަރު ގައިސް އަލް ބައިތަވީ ކަމަށާއި، އެ ހަމަލާގައި އޭނާ ޝަހީދުކޮށްލާފައިވާ ކަމަށް ބުނެފައި ވެއެވެ.

އިޝްތިހާރު އިޝްތިހާރު

ހަމަލާތައް ދިނުމަށްފަހު ފަލަސްތީނުގެ ރެޑް ކްރެސެންޓް ޓީމުތައް އެ ސަރަހައްދަށް ދިއުމުން ހުރަސްއަޅައި އަދި ބައެއް މެމްބަރުން ހައްޔަރުކޮށް އެމީހުންގެ އިމަޖެންސީ ޚިދުމަތްދޭ ސާމާނުވެސް ޓެރަރިސްޓު ސިފައިން ފޭރިގެންފައި ވެއެވެ.

މިއަދުގެ ޓެރަރިސްޓު ހަމަލާތަކަށް މުޖުރިމު ނަތަންޔާހޫ ތައުރީފް ކޮށްފައި ވެއެވެ.

ކޮމާންޑަރު ގައިސް އަލް ބައިތަވީ ޝަހީދުކޮށްލުމަށްފަހު އިސްތިއުމާރީ ސިފައިންވަނީ، ޖެނީންގެ ގެއެއް ރެއިޑްކޮށް ގައިސްގެ މަންމަވެސް ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

ހަމަލާގެފަހުން އިސްތިއުމާރީ ދައުލަތުގެ ޑިފެންސް މިނިސްޓަރު ޔިސްރައިލް ކާޓްޒް ބުނެފައިވަނީ، އިސްރާއީލު ސިފައިން މުޅި ޖެނީން ހިފާފައިވާ ކަމަށެވެ.

ޖެނީންގައި ދިރިއުޅެމުންދިޔަ ހުރިހާ އާންމުން ރަށުން ބޭރުކުރެވި، އިސްރާއީލު ސިފައިން މުޅި ރަށް ހިފާފައިވާ ކަމަށްވެސް އޭނާ ފަޚުރުވެރި ކަމާއެކު ބުނެފައި ވެއެވެ. އަދި އިސްރާއީލު ސިފައިން ޖެނީން ހިފީ ދާއިމަށް ކަމަށާއި، އެ ރަށުން ދެން ނުފައިބާނޭ ކަމަށްވެސް ބުނެފައި ވެއެވެ.