އިތުބާރު އޮތްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމެވި ނިންމެވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ހާމަވެގެންދިޔަ ކަމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ ފާސްނުވެ، މަޤާމުގައި ދެމިހުންނެވުމަށް ފާސްވުމާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ސަޢީދު ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވުމުގެ މަގުން ސަލާމަތްކުރެވުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޙިކުމަތްތެރި ވިސްނުންފުޅާއި އިސްނެންގެވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށް، ބައިނަލްއަޤްވާމީ މާލީ އިތުބާރު އަލުން ހޯދައިދިނުމަށާއި، ކުރީ ސަރުކާރުން ވާރުތަވި އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމުގައި މި ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Mohamed Saeed@em_saeedއަޅުގަނޑުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ މައްސަލާގައި މިއަދު ވާނީ، އަޅުގަނޑު ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ރަނގަޅަކަށް، ނުހަނު ތެދުވެރިކަމާއެކު އެ މަޖިލިހަށް ޖަވާބުދާރީ ވެފައި.
ޖަވާބުދާރީވާން ދެއްވި 60 މިނިޓުގެ …



މީގެއިތުރުން، އެމްޑީޕީން މަޖިލީހުގައި ކުރި ސުވާލުތަކުގެ ތެރޭގައި އިޤްތިޞާދީ ވުޒާރާގެ މެންޑޭޓާ ނުގުޅޭ ކަންކަން ހުރި ނަމަވެސް، ޤާބިލިއްޔަތުކަން ތަންދިން އެންމެ ފުރިހަމައަށް، ތެދުވެރިކަމާއެކު ޖަވާބުދާރީވެވަޑައިގެންފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ދެފުށް ފެންނަ ގޮތެއްގައި ކަންކަން ސާފުކޮށްދިނުމަކީ ރައީސް މުޢިއްޒު ވަޒީރުންނަށް ދެއްވާފައިވާ ޚާއްޞަ އިރުޝާދެއްކަންވެސް ސަޢީދު ފާހަގަކުރެއްވިއެވެ.
ސަޢީދު ވަނީ އެމަނިކުފާނުގެ ދިފާޢުގައި މަސައްކަތްޕުޅު ކުރައްވައި، އިތުބާރު އޮތްކަން ހާމަކޮށްދެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށާއި، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙުގެ އިތުރުން ވެރިކަންކުރާ ޕާޓީގެ މެންބަރުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ދުނިޔޭގެ އިޤްތިޞާދީ އޮއިވަރާ ގުޅިފައިވާ ދިވެހި އިޤްތިޞާދު ރައްކާތެރިކަމާއެކު ކުރިއަށް ގެންދެވޭނީ ސަރުކާރުގެ ދުރުވިސްނޭ ސިޔާސަތުތަކުގެ ސަބަބުން ކަމަށާއި، ރައީސް މުޢިއްޒުގެ އަމާޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގެ ފެންވަރަށް ގެންދިއުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.