މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށާއި، މި މަޝްރޫއު ނިމުމުން މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު މި މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ކުރެހުންތަކަށް ބޭނުންވާ ފީސިބިލިޓީ އަދި ދިރާސާގެ މަސައްކަތްތައް މިދިޔަ ޖޫން އަދި ޖުލައި މަހުގެ ތެރޭގައި ކޮށް ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އަޅައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، އެ މަސައްކަތް ކުރިއަށްދާނީ ފެނާއި ނަރުދަމާގެ ނިޒާމުގެ އިތުރުން ކަރަންޓު ވިއުގަ ވެސް އަޕްގްރޭޑް ކޮށްގެން ކަމަށެވެ. މީގެއިތުރުން އަލިފާން ނިއްވުމަށް ބޭނުންވާ ފަޔާ ހައިޑްރަންޓް ނިޒާމާއި، ފެންބޮޑުވުން ހުއްޓުވުމަށް ސްޓޯމް ވޯޓާ ނިޒާމު ވެސް މަގުތަކުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަން ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ މަގުތައް ޒަމާނީ ފެންވަރަށް ހެދި ނަމަވެސް، ޓްރެފިކް ތޮއްޖެހުމަށް ވަށާޖެހޭ ހައްލެއް ލިބޭނީ މުޅި މާލެ ސަރަހައްދަކީ ވެހިކަލް ރެޖިސްޓްރޭޝަން ކޮންޓްރޯލް ކުރެވިފައިވާ ޒޯނަކަށް ހެދިގެން ކަމަށެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުތަކަކީ އެ އަމާޒު ހާސިލް ކުރުމަށް ގެނައި ބަދަލުތަކެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
“ޖުމްލަ އަންނާނެ އެއް ބޮޑު ބަދަލަކީ އާންމު ފަރުދެއްގެ ސަލާމަތާއި ރައްކާތެރިކަމަށް މި ގާނޫނު މަގުކޮށާނެ. މުޅި ގާނޫނުގެ ޑިޒައިން މި އޮތީ އާންމު ފަރުދެއްގެ ރައްކާތެރިކަމަށް. އެއީ ވިޝަންއަކީ،” ސައީދު
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނަކަށް ހެދުމުގެ މާނައަކީ ވެހިކަލް ރަޖިސްޓްރީ ނުކުރެވުން ނޫން ކަމަށާއި، އޭގެ ބޭނުމަކީ ވަކި މިންގަނޑުތަކެއްގެ ތެރެއިން އިންތިޒާމުވެގެން އެކަން ކުރިއަށް ގެންދިއުން ކަމަށެވެ.
މިފަހުން އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި މާލެ ސަރަހައްދަށް ވަނީ ހާއްސަ ބާބެއް ކަނޑައަޅައިފަ އެވެ. އެ ބާބުގެ ދަށުން މާލެ ސަރަހައްދަށް ވެހިކަލް ރަޖިސްޓްރީ ކުރުމަށް ވަކި ކޯޓާއެއް ކަނޑައަޅައި، އަލަށް ރަޖިސްޓްރީ ކުރެވޭނީ ރަޖިސްޓްރީ ބާތިލްކުރާ އުޅަނދުތަކުގެ 30 އިންސައްތަ އަށް ވުރެ އިތުރު ނުވާނޭހެން ކަމަށް ކަނޑައަޅައިފައިވެއެވެ.
ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި ފިޔަވަޅުތަކާއި މަގު ހެދުމުގެ ބޮޑު މަޝްރޫއާ އެކު މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު