ފަރުމަަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިން ތިބި ކޮންމެ ރަށެއްގައި އެފަދަ މަސްވެރިކަމަށް ހާއްސަކޮށްގެން ކުދި އައިސްޕްލާންޓުތަކެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިވަގުތު 1,700 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ހުރި ނަމަވެސް، މަސްވެރިކަން ރަނގަޅުވާ މޫސުމުގައި މަސްވެރިންނަށް އައިސް ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހެއެވެ.

"މިވަގުތު މިނިސްޓްރީން އެބަ މަސައްކަތްކުރަމުން ގެންދޭ ފަރުމަހުގެ މަސްވެރިންނަށް ހާއްސަކޮށް އައިސްފޯރުކޮށްދިނުމަށްޓަކައި، މިފަދަ މަަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިން ތިބި ކޮންމެ ރަށެއްގައި ކުދި އައިސްޕްލާންޓުތައް ތަރައްޤީކުރުމަށް،" ސްޓޭޓް މިނިސްޓަރ މުއްޠަލިބު

މަސްވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްްޠަލިބު ވިދާޅުވީ، ޒަމާނުއްސުރެ ހަމައެކަނި ކަޅުބިލަމަހުގެ މަސްވެރިންނަށް ހާއްސަކޮށްގެން އައިސް ޕްލާންޓުތައް އަޅަމުންދިޔަ ނަަމަވެސް ރާއްޖޭގައި އެކި ބާވަތުގެ މަސްވެރިކަން ކުރާ ފަރާތްތައް އެބަ ތިބި ކަމަށެވެ. އެގޮތުން ފަރުމަސްވެރިކަން ކުރާ ފަރާތްތަކަކީ އޭގެ ތެރެއިން މުހިންމު ބައެއް ކަމަށާއި، އެ ފަރާތްތަކަށްވެސް ދިމާވެފައިވާ އައިހުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ސްޓޭޓް މިނިސްޓަރ ވިދާޅުވީ، 5 ޓަނުގެ އައިސްޕްލާޓުތައް އެޅުމަށް ޑިޒައިންގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި، އައިސްޕްލާންޓުތައް ފަރުމާކުރަނީ އެރަށްރަށުގައި ކެފޭ ހިންގާ ފަރާތްތަކަަށްވެސް ބޭނުންކުރެވޭ ގޮތަށް ޓިއުބް އައިސް ފެނުން އުފައްދާ ގޮތަށް ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށާއި، ވަރަށް އަވަހަށް ސީއެސްއާރު ޕްރޮޖެކްޓެއްގެ ދަށުން މިފަދަ 5 އައިސްޕްލާންޓެއްގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި މި އައިސްޕްލާންޓުތަކާއެކު، އެ ރަށްރަށުގައި މަސްރައްކާކުރާ ކުދި ސްޓޯރޭޖްތަައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ހިލޭ އެހީގެ ދަށުން ސްޓޯރޭޖް ކެޕޭސިޓީތަކެއް ތަރައްޤީކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، މިއާއެކު ފަރުމަހުގެ މަސްވެރިންނަށް ރަނގަޅު މަސް ރައްކާކުރުމުގެ ނިޒާމުތައް ފަހިވެގެންދާނެ ކަަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުން ކަމަށްވާއިރު، މަސްވެރިންގެ މި ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ދާދިފަހުން ވަނީ 11 ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ ސްޓޯރޭޖް ކެޕޭސިޓީއެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އައިސްޕްލާންޓުތަކުގެ މަސައްކަތްތައް 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.