ކޮންމެ އަހަރެއްގެވެސް ޑިސެންބަރު 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދޭ ހާއްސަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވީ ރ. ދުވާފަރުގަ އެވެ. އެރަށުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބޭއްވިއިރު، މި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގެންނެވިއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ޖުމްލަ 4 އެވޯޑެއް ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މުޅިން އަލަށް ހިމެނި ހިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު ވެސް ހިމެނެއެވެ.

މަސްވެރިންގެ ދުވަހު ދިނުމަށް ހަމަޖެހިފައިވާ 4 އެވޯޑު:
އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް): މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ޒުވާނުންނަށް.
އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި): މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް.
ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު: އާމްދަނީ ހޯދުމުގެ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް.
ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު: މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ އަންހެނުންނަށް.
މި އެވޯޑުތަކަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑުތަކެކެވެ. އެވޯޑަށް އަމިއްލަ ގޮތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ޝަރުތު ފުރިހަމަވާ ފަރާތްތަކުން އެވޯޑަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މި މަހުގެ 29 ވަނަ ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން (14:00ގެ ކުރިން) ހުށަހަޅަންޖެހެއެވެ. އެވޯޑަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓް (www.fishagriocean.gov.mv) އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި ފުރިހަމަކޮށްފައިވާ ފޯމު [email protected] އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.










ކިޔުންތެރިންގެ ހިޔާލު