މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާ ކުރިއަށް އޮތް ވިހި އަހަރު ދުވަހަށް ތަރައްގީކުރުމަށް އެކުލަވާލާފައިވާ "ފިޝަރީޒް އެންޑް އެކުއަކަލްޗަރ މާސްޓަރ ޕްލޭން 2026–2045" ކަމާގުޅޭ ފަރާތްތަކާ އެކު މުރާޖައާކުރުމަށް ބޭއްވި ވެލިޑޭޝަން މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، މަސްވެރިކަމާއި ފަޅުފަޅުގައި ދިރުންތައް އާލާކުރުމުގެ ދާއިރާ ދިގު މުއްދަތަކަށް ތަރައްގީކުރުމަށް ކަނޑައަޅާފައިވާ އިސްކަންދޭ ކަންކަމާއި ހުށަހެޅިފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ހިއްސާދާރުންނާއެކު މަޝްވަރާކޮށް، އެ ޕްލޭން ބަލައިގަތުމެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާފައިވާ އޮނިގަނޑު މުރާޖައާކުރުމަށެވެ. މީގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމާއި، ސިނާއަތް އިތުރަށް ވަރުގަދަކުރުމުގެ އިތުރުން ކަނޑުގެ ވަސީލަތްތައް ދިގު މުއްދަތަކަށް ހިމާޔަތްކުރުމަށް ހާއްސަ އިސްކަމެއް ދީފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މި މަސައްކަތު ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު އަންތު ޝަމްސުއްދީން ބައިވެރިވެވަޑައިގެން ވާހަކަދެއްކެވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި، "ރެޒިލިއަންޓް މޯލްޑިވްސް 2045" ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން މުސްތަގުބަލުގެ ސިޔާސަތުތަކާއި، އިންވެސްޓްމަންޓްތަކާއި އަދި ތަރައްގީގެ މަޝްރޫއުތައް ބައްޓަންކުރުމުގައި މި މާސްޓަރ ޕްލޭންގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އަންނަން އޮތް ޖީލުތަކަށްޓަކައި ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއެކު، ވާދަވެރި އަދި ސިންދަފާތު ކުރެވިފައިވާ މަސްވެރިކަމާއި އެކުއަކަލްޗަރ ދާއިރާއެއް ބިނާކުރުމަށް ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

މި މާސްޓަރ ޕްލޭނަކީ މަސްވެރިކަމާއި އެކުއަކަލްޗަރ ވަރުގަދަކޮށް، އިގުތިސާދީ ފުރުސަތުތައް ފަހިކޮށްދީ، ގައުމީ ތަރައްގީގައި މި ދާއިރާގެ ދައުރު ފުޅާކުރުމަށް ދުރު ރާސްތާގެ ސްޓްރެޓީޖިކް މިސްރާބެއް ދައްކުވައިދޭނެ ޕްލޭނެކެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމާއި އެކުއަކަލްޗަރގެ މުސްތަގުބަލު ބައްޓަންކުރުމަށް މި ބޭއްވުނު ބައްދަލުވުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ދިވެހިންގެ ދިރިއުޅުމަށާއި، ކާނާގެ ރައްކާތެރިކަމަށް، އިގުތިސާދީ ކުރިއެރުމަށާއި ގައުމީ ތަނަވަސްކަމަށް މަސްވެރިކަމުގެ ދާއިރާއިން އަދާކުރާ މުހިންމު ދައުރު ކުރިއަށް އޮތްތަނުގައިވެސް ދެމިއޮންނާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

"ފިޝަރީޒް އެންޑް އެކުއަކަލްޗަރ މާސްޓަރ ޕްލޭން 2026–2045" ވެގެންދާނީ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދީ، ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކަކީ އިގުތިސާދުގެ މައިނާރާއި އަންނަން އޮތް ޖީލުތަކުގެ ލާބަޔާއި މަންފާއަށް އޮތް ހަރުދަނާ ބިންގަލެއްގެ ގޮތުގައި ދެމެހެއްޓުމަށް މަގުދައްކައިދޭނެ މުހިންމު ޕްލޭނަކަށެވެ.