ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިޙާނުތައް ހަމައެކަނި މަރުކަޒުތަކަށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ނިންމި ނިންމުމުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކުރުމަށް އެ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ބާ ކައުންސިލުން ޤާނޫނީ ތަޢުލީމުގެ މިންގަނޑުތަކަށް މިދިޔަ ޖުލައި މަހު ގެނައި އިޞްލާޙުގައިވާ ގޮތުން، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ޤާނޫނީ ޑިގްރީ ޕްރޮގްރާމްތަކުގެ އިމްތިޙާނުތައް އޮންލައިންކޮށް ނުހެދޭނެއެވެ. އަދި ހުރިހާ އިމްތިޙާނެއް ވެސް ހަދަންޖެހޭނީ ކަނޑައެޅޭ މަރުކަޒަކަށް ހާޒިރުވެގެންނެވެ.

މި ބަދަލާ ގުޅިގެން ދަރިވަރުންތަކެއް މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ބަޔާންކޮށްފައިވަނީ، އެ ދަރިވަރުން ކޯހުގައި ބައިވެރިވީ އޮންލައިންކޮށް ކިޔެވުމާއި އިމްތިޙާނު ހެދުމުގެ ފުރުޞަތު އޮތުމުން ކަމަށެވެ. އަދި ކޯހުގެ މެދުތެރެއިން މިފަދަ އަސާސީ އުޞޫލެއް ބަދަލުކުރުމުން އިދާރީ ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤުތަކަކަށް އުނިކަން އަންނާތީ، އެ ދަރިވަރުން އެދުނީ މިހާރު ފަށާފައިވާ ބެޗްތައް ނިމެންދެން އެ އުޞޫލަށް ޢަމަލުކުރުން ފަސްކޮށްދިނުމަށެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލަ ދިރާސާކުރުމަށްފަހު ޖުޑިޝަރީ ކޮމިޓީގެ އިއްތިފާޤުން ނިންމާފައިވަނީ، މި އުޞޫލު ހިނގާނީ އަލަށް ކޯސްތަކާ ގުޅޭ ދަރިވަރުންގެ މައްޗަށް އެކަނި ކަމަށް ހަމަޖައްސައި، މިހާރު ކިޔަވަމުންދާ ދަރިވަރުން އެކަމުން އިސްތިސްނާކޮށް އޮންލައިންކޮށް އިމްތިޙާނު ހެދުމުގެ ފުރުޞަތު ދިނުމަށް ބާ ކައުންސިލަށް އެންގުމަށެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ބާ ކައުންސިލުން މީގެކުރިން ބުނެފައިވަނީ، މާލެ އައުމަށް ދަތިވާ ދަރިވަރުންނަށް އެ ކުދިން ދިރިއުޅޭ ރަށެއްގެ ކައުންސިލް ނުވަތަ ސްކޫލް މެދުވެރިކޮށް ހާޒިރުވެ އިމްތިޙާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިޚްތިޔާރު ކޮލެޖުތަކާއި ޔުނިވަރސިޓީތަކަށް އޮންނާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޤާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު ހިމެނިވަޑައިގަންނަވާ ގޮތަށް، މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ ބައެއް މެންބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.