ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއް އޭސީ ކުރުމަށް ފަށާފައިވާ "ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން، މިހާތަނަށް 113 އަށްވުރެ ގިނަ ސްކޫލްގެ މަސައްކަތް ނިމިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

2024 ވަނަ އަހަރުގެ ޖޫން މަހު ފެށި މި މަޝްރޫޢަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކާއި ހޯލްތައް އޭސީ ކުރުމަށް އަމާޒު ހިފާފައިވާ މަޝްރޫޢެކެވެ. މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 113 އަށްވުރެ ގިނަ ސްކޫލެއްގެ 192 ކްލާސްރޫމާއި 80 ހޯލްގައި ވަނީ އޭސީ ހަރުކޮށް ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން ސްކޫލްތަކަށް ބޭނުންވާ އޭސީތައް ހޯދުމާއި ހަރުކުރުމުގެ މަސައްކަތް 54 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. އެ ކުންފުނިން ބުނިގޮތުގައި، ބައެއް ރަށްރަށުގެ ކަރަންޓު ނެޓްވޯކްގެ ފެންވަރު ދަށްވުމުގެ ސަބަބުން މަސައްކަތް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، މަސައްކަތްތައް ބާރުސްޕީޑުގައި އަންނަނީ ކުރަމުންނެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖޭގައި ސަރުކާރުގެ ޖުމްލަ 217 ސްކޫލް ހުންނައިރު، މި މަޝްރޫޢަކީ ދަރިވަރުންނަށް އުނގެނުމަށް ފަހި އަދި އަރާމު މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.