ސްކޫލްތަކުގެ ކީ-ސްޓޭޖް 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޕްރީ-ވޮކޭޝަނަލް ނުވަތަ މަސައްކަތުގެ ހުނަރު ދަސްކޮށްދޭ ޚާއްޞަ ޕްރޮގްރާމެއް އެކުލަވައިލުމަށްޓަކައި ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ފަށައިފިއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި ހިނގާ ނޮވެމްބަރު މަހުގެ 23 ވާ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހުނަރަށް ބިނާކުރެވިފައިވާ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ) ގެ ދަށުން 28 ސްކޫލެއްގައި އަދި "ނިއު ޕޮލިސީ އިނިޝިއޭޓިވް" ގެ ދަށުން އިތުރު 6 ސްކޫލެއްގައި ހިމެނޭހެން ޖުމްލަ 34 ސްކޫލެއްގައި "ސްކިލްސް ހަބް" ވަނީ ޤާއިމުކޮށްފައެވެ. މި ތަންތަނުގައި ކެއްކުމާއި، ފެހުމާއި، ކުރެހުމުގެ އިތުރުން ވަޑާންކުރުން ފަދަ ޢަމަލީ ދާއިރާތަކުން ދަރިވަރުންނަށް ތަމްރީނު ދެވެމުންދެއެވެ.
ނަމަވެސް، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި އުނގެނުމުގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވާ ދަރިވަރުންނަށް އެކަށޭނަ ފަންނީ ޕްރޮގްރާމްތައް މަދުވުމާއި، މުދައްރިސުންގެ އަހުލުވެރިކަން ކުޑަވުން ފަދަ ނިޒާމީ މައްސަލަތަކެއް ހުރިކަން އެ ވުޒާރާއިން ފާހަގަކުރެއެވެ. މީގެ ސަބަބުން އެފަދަ ކުދިން މުސްތަޤުބަލުގައި ވަޒީފާގެ މައިދާނަށް ނުކުތުމަށާއި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް "ސިސްޓަމް ޓްރާންސްފޯމޭޝަން ގްރާންޓް" ގެ އެހީގައި، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، އުނގެނުމުގައި ދަތިތައް ހުންނަ ކުދިންނަށް ފަސޭހައިން އަމަލީ އަދި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭނެ "ޕްރީ-ވޮކޭޝަނަލް" ލާނިންގ ޕެކޭޖެއް އެކުލަވައިލުމަށް ވަނީ ހަމަޖެހިފައެވެ.
ހޮވޭ ކޮންސަލްޓެންޓްގެ މައިގަނޑު މަސައްކަތަކަށް ވާނީ، ކީ-ސްޓޭޖް 3 ގެ ދަރިވަރުންގެ ފެންވަރާއި ޤާބިލުކަމަށް ގުޅޭގޮތުން މި ޕެކޭޖް ފަރުމާކުރުމާއި، އެ ޕެކޭޖް ސްކޫލްތަކުގައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.