މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޤައުމަށް ކުރިމަތިވެފައި އޮތް މާލީ ބޮޑެތި ގޮންޖެހުންތަކާއެކު ވެސް، ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ވަށާޖެހޭ ފުރިހަމަ ނިޒާމެއް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ޤާއިމުކޮށްދެވިފައިވާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްއެމްޓީވީގެ "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ބޭރުގެ އެހީއާއި ދަރަންޏަށް ބަރޯސާވެގެން ހައުސިންގ މަޝްރޫޢުތައް ހިންގި ނަމަވެސް، ޤައުމުގެ ދަރަނީގެ ހާލަތު އޮތްގޮތުން މި ސަރުކާރަށް އެ މަގު ބަންދުވި ކަމަށެވެ. އަދި އިންޝުއަރެންސް ފަދަ ކަންކަން ހަމަނުޖެހި ލޯނު އެހީގައި ހިންގަން އުޅުނު މަޝްރޫޢުތައް ކުރިއަށް ނުގެންދެވުމުން، ސަރުކާރުން އިސްކަންދިނީ އެތެރޭގެ ސިޔާސަތުތައް ބަދަލުކޮށްގެން ހައްލު ހޯދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ގެނެވުނު މުހިންމު ބަދަލުތަކުގެ ތަފްޞީލު ދެއްވަމުން ވަޒީރު ފާހަގަކުރެއްވި ކަންކަން:
-
ބޭންކިންގ ނިޒާމުގެ ބަދަލު: މަރުކަޒީ ބޭންކުގެ އުސޫލުތަކަށް ބަދަލު ގެނެސް، ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދެއް، ފަސް އިންސައްތައަށްވުރެ އިންޓްރެސްޓް ބޮޑުނުވާނެހެން އިޖުތިމާޢީ ބޯހިޔާވަހިކަމަށް ޚާއްޞަކުރަން ވަނީ ލާޒިމުކޮށްފައެވެ. މި ބަދަލާއެކު ބީއެމްއލުން 'ބީއެމްއެލްއޭ' ގެ ނަމުގައި ކުންފުންޏެއް އުފައްދައި، ކުއްޔަށް ދައްކަމުން ގޮސް މިލްކުވާ (ރެންޓް-ޓު-އޯން) އުސޫލުން 4،000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ ދައުރު ނިމުމުގެ ކުރިން މީހުންނަށް އެތަންތަނުގައި ދިރިއުޅެވޭވަރު ކުރުމެވެ.
-
އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމުގެ ލޯނު: ފަސް އިންސައްތައިގެ ކުޑަ އިންޓްރެސްޓް ރޭޓުގައި ދޫކުރާ މި ސްކީމުގެ ދަށުން، މިހާތަނަށް ބީއެމްއެލް މެދުވެރިކޮށް 850 އަށްވުރެ ގިނަ ލޯނު ދޫކުރުމަށް ނިންމައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.
-
މެދުފަންތީގެ އެފޯޑަބަލް ހައުސިންގ: މާކެޓުގައި އަގުތައް އިންތިހާއަށް އުފުލިފައިވާތީ، އަލަށް ގެދޮރު ގަންނަ މެދުފަންތީގެ ޢާއިލާތަކަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އިތުރު 1،000 ޔުނިޓުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ. މި ޔުނިޓުތަކުގެ ތެރެއިން 2 ކޮޓަރީގެ އެޕާޓްމަންޓް 1.8 މިލިއަން ރުފިޔާއަށް އަދި 3 ކޮޓަރީގެ އެޕާޓްމަންޓް 2.3 މިލިއަން ރުފިޔާއަށް ލިބޭނެއެވެ. މީގެއިތުރުން އަތޮޅުތެރެއަށް ޚާއްޞަކޮށްގެން، ޔުނިޓުތަކުގެ 60 އިންސައްތަ 1.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުނުވާނެހެން އައްޑޫ ސިޓީގައި 500 ޔުނިޓު އަދި ފުވައްމުލަކު ސިޓީގައި 250 ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ.
-
އިކުއިޓީ އެސިސްޓެންސް ޕްރޮގްރާމް: ގެދޮރު އެޅުމަށާއި ގަތުމަށް ނަގާ ލޯނުތަކަށް ބޭނުންވާ އިކުއިޓީ ހަމަޖައްސައިދިނުމުގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި 750 މިލިއަން ރުފިޔާއާއި ހައުސިންގ ފަންޑުގައި ހުރި ފައިސާއާއެކު ޖުމްލަ އެއް ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ބޭންކުތަކުން ލޯނު ދޫކުރުމަށް ހަމަޖެހިއްޖެނަމަ، މި ފަންޑުގެ އެހީގައި 5،000 ޢާއިލާއަކަށް އިކުއިޓީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
ވަޒީރު ވިދާޅުވީ މިފަދަ އެކި ފަންތީގެ ލުއި ސްކީމުތަކުގެ ސަބަބުން، ތަނަވަސްކަން ހުރި ފަރާތްތަކަށް އަމިއްލައަށް ގެދޮރު ގަތުމުގެ ފުރުޞަތު ފަހިވެ، އެންމެ ނިކަމެތި ރައްޔިތުންނަށް އިޖުތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.