އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ރޮނގުން ހިދުމަތްކުރެއްވުމުގެ އެންމެ މަތީ ޝަރަފު ކުރީގެ އުއްތަމަފަނޑިޔާރު އަދި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ކުރީގެ ރައީސް ޑރ.މުހައްމަދު ރަޝީދު އިބްރާހިމަށް ލިބިވަޑައިގަތުމާ ގުޅިގެން ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމު މަރުހަބާއާއި ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަން ދިގު މުއްދަތަކަށް ކޮށްދެއްވާފައިވާ އަދި ދިވެހީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ވަރަށް ދިގު މުއްދަތަކަށް މަސައްކަތްކުރެއްވި ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަށް، މި ޝަރަފު އަރުވާފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވި ގޮތުގައި ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަށް، މި ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ އިސްލާމްދީނަަށް ހޭލުންތެރިކަން އިތުރުކުރުމަށާއި އެ ދާއިރާއިން މި ޤައުމަށް އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ޑރ. މުޙައްމަދު ރަޝީދު އިބްރާހިމް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ކަމުގެ މަޤާމާއި އިސްލާމީ ކަންތައްތަކާއި ބެހޭ މިނިސްޓްރީގެ މިނިސްޓަރުގެ އެޑްވައިޒަރުކަމުގެ މަޤާމާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައިސް ކަމާއި މެންބަރުކަން ކުރައްވާފަ އެވެ.
އެމަނިކުފާނުގެ އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫންގެ ޒަޢާމަތުގައި ފެއްޓެވި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާން ކުރެއްވި ކޮމެޓީގެ މެންބަރުކަން ކުރެއްވުމާއި އެ ކޮމެޓީގެ ރައީސްކަން ކުރެއްވުން ހިމެނެ އެވެ. އެ މަޤާމުގައި 18 އަހަރު ހޭދަކުރެއްވި އެވެ.
ޑރ.ރަޝީދަކީ ރާއްޖެއަށް ހިދުމަތްކުރެއްވުމަށް ވަޑައިގަތުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގައި ޢަރަބި ބަސް ކިޔަވައިދެއްވުމަށް އެގައުމުގެ ޔުނިވަސިޓީއެއްގައި މުޙާޟިރެއްގެ ވަޒީފާ އަދާކުރެއްވި ބޭފުޅެކެވެ. ޑރ.ރަޝީދު ޢަރަބި ބަހުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވީ އަލްއަޒްހަރު ޔުނިވަސިޓީންނެވެ.
އެމަނިކުފާނުވަނީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ރާއްޖޭގައި އިސްލާމީ ހޭލުންތެރިކަން އިތުރުކުރަން ކުރެވުނު ގިނަގުނަ މަސައްކަތްތަކުގައި އެންމެ އިސްސަފުގައި ގިނަ މަސައްކަތްތައް ކުރައްވާފައެވެ. އެގޮތުން ދީނީ ދަރުސްތައް ދެއްވުމާއި، ޔުނިވަސިޓީ ކޮލެޖުތަކުގައި ޝަރުއީ މާއްދާތައް ކިޔަވައިދެއްވުމުގެ އިތުރަށް އެއިރު ކޮންމެ ހުކުރުދުވަހަކު ނެރުނު "ދީނުގެ މަގު"ގައި ގިނަ އަދަދެއްގެ އިލްމީ ލިޔުންތައް ލިޔުއްވިއެވެ.
Maumoon Abdul Gayoom@maumoonagayoomއިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ ރޮނގުން ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމަށް ލިބިވަޑައިގަތުމާ ގުޅިގެން އެ މަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.