ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ކުރިމަތިވާ އެކި މައްސަލަތަކާއި ތަފާތުކުރުންތައް ހައްލުކޮށް، އިންސާފުވެރި އަދި ދެފުށް ފެންނަ މަސައްކަތު މާހައުލެއް ކަށަވަރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އާންމުންގެ ކަންބޮޑުވުންތައް ސީދާ ރައީސާ ހިއްސާކުރުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 14 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕްރޮގްރާމުގައި ބައިވެރިވި ނަރުހަކު ވަނީ، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ނަރުހުންގެ ކަންބޮޑުވުންތައް މެނޭޖްމަންޓުން އަޑުނާހާ ކަމަށާއި، ދާއިރާގެ މަސައްކަތްތައް ނޭނގޭ ފަރާތްތައް ވެރިންގެ ގޮތުގައި ތިބުމުން ޒިންމާތައް އަދާކުރުމުގައި ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ބުނެފައެވެ. އަދި އައިޖީއެމްއެޗް ފަދަ ބޮޑެތި ހޮސްޕިޓަލްތަކުގައި ވެސް ނަރުހުންނަށް މިފަދަ ދަތިތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކޮށް، މައްސަލަތަކަށް އިންސާފު ހޯދޭނެ ހަރުދަނާ އުސޫލެއް ގާއިމުކޮށްދިނުމަށް އެދިފައެވެ.
އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނަރުހުންނަކީ ދައުލަތަށް ވަރަށް މުހިންމު ހިދުމަތެއް ފޯރުކޮށްދޭ ބަޔަކަށް ވާއިރު، އެ ފަރާތްތަކުން ފާހަގަކުރި ކަންކަން ވަރަށް ސީރިއަސްކޮށް ބައްލަވާނެ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ހުރި ނުރަނގަޅު އާދަތައް އިސްލާހުކޮށް، މުވައްޒަފުންގެ ޝަކުވާތައް އަޑުއަހައި، ދެފުށް ފެންނަ ގޮތެއްގައި ޖަވާބުދާރީވާނެ ނިޒާމެއް ގާއިމުކުރުމަށް އިސްކަންދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރާއްޖޭގެ ވަޒީފާގެ މާހައުލު ރައްކާތެރިކޮށް، ހަރުދަނާކުރުމަށް ސަރުކާރުން މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން ޖިންސީ ފުރައްސާރައާއި ގޯނާ ހުއްޓުވުމުގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވާއިރު، ހާއްސަ އެހީއަށް ބޭނުންވާ މީހުން ޝާމިލުކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަޝްރޫއުތަކެއް ވެސް ދަނީ ހިންގަމުންނެވެ. މީގެއިތުރުން، މަސައްކަތްތެރިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހާއްސަ ސެމިނާރއެއް ބާއްވައި، މުވައްޒަފުންގެ ހިތްހަމަޖެހުމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން އަންނަނީ ބާރުއަޅަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.