އިޓާލިއަން ސެރީއޭގައި ރޭ ޓޮރީނޯއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ، ނަޕޯލީ މޮޅުވެއްޖެއެވެ.

ލީގުގެ 12 ވަނަ ބުރުގައި ހޯދި މި މުހިންމު މޮޅާއެކު، ޔުވެންޓަސް އަދި ޕޯޓޯ އަތުން ބަލިވެ، ލާޒިއޯއާ އެއްވަރުވެގެން ދިމާވި ނާކާމިޔާބީތަކުގެ ސިލްސިލާއަށް ނިމުމެއް އައިސް، ތާވަލުގެ ކުރީ ސަފުގައި އެ ޓީމުގެ މަގާމު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނަޕޯލީން ފެށީ ވަރުގަދަ ހަމަލާތަކަކާއެކުގައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ސްކޮޓް މެކްޓޮމިނޭ އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި އޭގެ ދެ މިނެޓު ފަހުން ލިބުނު ކޯނަރެއްގައި ވެސް މެކްޓޮމިނޭއަށް ނުރައްކަލެއް ކުރިމަތިނުކުރެވުނުއިރު، 10 ވަނަ މިނެޓުގައި އޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން މަޓެއޯ ޕޮލިޓާނޯ ފޮނުވާލި ހަމަލާ ޓޮރީނޯގެ ކީޕަރު ލޫކަސް ޕެރީ ވަނީ ދިފާއުކޮށްފައެވެ. މި ބޯޅައިގެ ރީބައުންސްގައި މެކްޓޮމިނޭ ފޮނުވާލަން އުޅުނު ނަމަވެސް ޓޮރީނޯގެ ޑިފެންޑަރުން ވަނީ ހުރަސްއަޅާފައެވެ.

އިޝްތިހާރު އިޝްތިހާރު

މެޗުގެ 13 ވަނަ މިނެޓުގައި ނަޕޯލީގެ އެންޓޯނިއޯ ވާގަރާއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، އޭނާގެ ބަދަލުގައި ކުޅެން އެރީ ކެވިން ޑި ބްރޭނާއެވެ. އޭގެ ފަހުންވެސް ނަޕޯލީން ހުއްޓުމެއްނެތި ހަމަލާތައް ފޮނުވަމުންދިޔައެވެ. 17 ވަނަ މިނެޓުގައި މެކްޓޮމިނޭ ފޮނުވާލި ބޯޅައަކާއި، 27 ވަނަ މިނެޓުގައި ޑެންމާކުގެ ފޯވާޑް ރަސްމުސް ހޮއިލުންޑް ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާ ކީޕަރު ޕެރީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ލިއޮނާޑޯ ސްޕިނަޒޯލާ ނަގައިދިން ހުރަހަކުން ހޮއިލުންޑް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޑި ބްރޭނާ ބޮލުން ފޮނުވާލި ހަމަލާއެއް ޓޮރީނޯގެ ޑިފެންޑަރަކު ވަނީ ސަލާމަތްކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް 45 ވަނަ މިނެޓުގައި ޓޮރީނޯއިން ވެސް ލަނޑެއް ޖެހުމާ ގާތަށް ޖެހިލިއެވެ. ރޮލާންޑޯ މަންޑްރަގޯރާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފަށް ޓޮރީނޯއިން ނުކުތީ ބަދަލަކާއެކުގައެވެ. ޑެނިއަލް ބްރަގަންސާގެ ބަދަލުގައި ނިކޯލާ ވްލަސިޗް ކުޅެން އެރުވުމާއެކު، ޓޮރީނޯގެ ކުޅުން ވަރުގަދަކުރިއެވެ. އެގޮތުން 53 ވަނަ މިނެޓުގައި މޮރޮކޯގެ ޒަކަރިއްޔާ އަބޫޚްލާލް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ބޭރަށް ދިޔައިރު، ޖެހިގެން އައި މިނެޓުގައި ވްލަސިޗް އަތުން ވެސް ރަނގަޅު ފުރުސަތެއް ބޭކާރުވިއެވެ.

ޓޮރީނޯގެ ހަމަލާތަކަށްފަހު 55 ވަނަ މިނެޓުގައި ނަޕޯލީން އަނެއްކާވެސް ނުރައްކާކުރިއެވެ. މެކްޓޮމިނޭ ފޮނުވާލި ހަމަލާ ކީޕަރު ޕެރީ ދިފާއުކުރިއިރު، 57 ވަނަ މިނެޓުގައި މަންޑްރަގޯރާ ފޮނުވާލި ހިލޭޖެހުން ވެސް ޕެރީ ވަނީ ހުއްޓުވާފައެވެ. މެޗުގެ 58 ވަނަ މިނެޓުގައި ނަޕޯލީން ވަނީ ދެ ބަދަލެއް ގެނެސް، ރަފާ މަރިން އަދި ސްޕިނަޒޯލާގެ ބަދަލުގައި މަޓިއަސް އޮލިވޭރާ އަދި ނޯއާ ލޭންގް ކުޅެން އަރުވައި، ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އިތުރަށް ވަރުގަދަކޮށްފައެވެ. މެޗު ނިމިގެންދިޔައީ މެކްޓޮމިނޭ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑުން ނަޕޯލީ މޮޅުވެގެންނެވެ.