އިޓާލިއަން ސެރީއާ ގައި ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗު 2-2 އިން އެއްވަރުވެ، ޔުވެންޓަސް އިން ޕޮއިންޓެއް ހޯދައިފިއެވެ.
އާޓެމިއޯ ފްރަންޗީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ފިއޮރެންޓީނާއިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. ޕެޑްރޯ ގޮންސާލްވޭސް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މަޓެއޯ ޕެލެގްރީނޯއެވެ.
ނަމަވެސް، މެޗުގެ 32 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ރަންޑަލް ކޯލޯ މުއާނީ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނިކް ވޮލްޓެމާޑޭއެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނެޓުގައި ފިއޮރެންޓީނާއިން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. ޔުވެންޓަސްގެ ޕެނަލްޓީ އޭރިއާ ތެރޭގައި އުފެދުނު ހަލަބޮލިކަމުގެ ފައިދާ ނަގައި، މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަމަންޑާ އެންޖީއެވެ.
ފަހަތުން އަރައި އަނެއްކާވެސް މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ޔުވެންޓަސް އިން ކުރި މަސައްކަތް ކާމިޔާބުވީ 66 ވަނަ މިނެޓުގައެވެ. ލިބުނު ކޯނަރެއް ބޮލުން ގޯލަށް ވައްދާލައިގެން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑިފެންޑަރު ބްރެމާއެވެ. މެޗު ނިމިގެންދިޔައީ އިތުރު ލަނޑެއް ނުފެނި، ދެ ޓީމަށް ޕޮއިންޓެއް ލިބިގެންނެވެ.
މި ނަތީޖާއާއެކު ޔުވެންޓަސް އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ. އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ މޮޅެއް ނުލިބުނު ފިއޮރެންޓީނާ އޮތީ ނުވަ ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.