ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ "އެފް.އޭ.ކަޕް 2026/2027" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

އެފްއޭއެމް އިން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 12 ޑިސެމްބަރ 2026 ގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް، ޖަމިއްޔާ އަދި ޖަމާއަތްތަކަށެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، 1 ޑިސެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ހަވީރު 15:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތަފްސީލު ލިބުމުން، މުބާރާތާ ގުޅޭ އިތުރު މައުލޫމާތުތައް އެ ޓީމުތަކާ ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖޭގެ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމަށްވާ އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެންމެ ފަހުން ބޭއްވުނު މުބާރާތުގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް ނިއު އިން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ ތާރީޚަށް ބަލާއިރު، އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ނިއު ރޭޑިއަންޓެވެ. އެ ޓީމުން ވަނީ މިހާތަނަށް މި މުބާރާތުގެ ތަށި 13 ފަހަރު އުފުލާލައި، ތާރީޚީ ރެކޯޑެއް ގާއިމުކޮށްފައެވެ.