35ވަނަ ޤައުމީ ކެރަމް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މާފަންނު ޕޮޕް ސްޕޭސްގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހިމްއެވެ.
އޮކްޓޯބަރުމަހުގެ ތެރޭގައި މިމުބާރާތް ބާއްވާފައިވާއިރު، ފުރަތަމަ ޑިވިޝަނުގެ ސިންގަލްސް އިވެންޓުތަކުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އާމިނަތު ވިދާދު އާއި އިބްރާހިމް ހުޖާންއެވެ. މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ވިދާދު ހޯދީ މިބައިގެ ފައިނަލުގައި އައިޝަތު ނަހުފާއާ ވާދަކޮށް 1-2 ސެޓުންނެވެ.
ޤައުމީ ކެރަމް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހުޖާން ހޯދީ ފައިނަލުގައި މުޙައްމަދު މުންތަސިރުގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗު ހުޖާން ކާމިޔާބުރީ 1-2 ސެޓުންނެވެ.
35ވަނަ ޤައުމީ ކެރަމް މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އަޒްލާން އައުޒަލްއެވެ. އޭނާ ޗެމްޕިއަންކަން ހޯދީ 2-1 ސެޓުން އަހްމަދު މައިޝާން ބަލިކޮށްގެންނެވެ. މި ޑިވިޝަނުގެ އަންހެން ޗެމްޕިއަނަކީ އަން'އުމް އަހްމަދު ވަސީމްއެވެ. އަން'އުމް މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުން އާއިޝަތު ޒުލްފިޝާން ބަލިކޮށްގެންނެވެ.
މުބާރާތުގެ އަންހެނުންގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ލެގޫން ސްޕޯޓްސް ކްލަބު ބަލިކޮށް، ކްލަބް ވަލްޗާސްއެވެ. އަދި ޗެމްޕިއަންކަން ހޯދާފައިވާ ފިރިހެން ޓީމަކީ އައުޓްރޭޖް ސްޕޯޓްސް ކްލަބެވެ. ރަނަރަޕްކަން ލިބުނީ މޯލްޑިވްސް ކެރަމް އެކަޑަމީއަށެވެ.
ބޮޑު ތަރުހީބެއް ލިބުނު މިމުބާރާތުގައި ދުނިޔޭގެ ޗެމްޕިއަނުންވެސް ހިމެނޭހެން ބިދޭސީ ގިނަ ކުޅުންތެރިންތަކެއްވަނީ ވާދަކޮށްފައެވެ. މުބާރާތް ކުރިއަށްދިޔައީ ހުޅުމާލޭ ކެރަމް އެރީނާގައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.