ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އަދި ކުރިއަށް އޮތް 5 ދުވަހަށްވެސް ރާއްޖޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް މެޓުން ވިދާޅުވެއެވެ.
މެޓް އޮފީހުން ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. މެދުރާއްޖެތެރެއާއި އުތުރަށް ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ ގަޑިއަކު 5 މޭލާއި 15 މޭލާއިދެމެދުގެ ބާރުމިނުގައެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެެ. އެގޮތުން ވިލާގަނޑެއްގައި ގަޑިއަކު 40 މޭލަށް ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ނަމަވެސް އުތުރާއި މެދުރާއްޖެތެރެ އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓުން މައުލޫމާތުދެއްވައެވެ.
މެޓް އޮފީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށާއި ގދ. ކާޑެއްދޫއަށެވެ. އެގޮތުން ފަރެސްމާތޮޑާއަށް 104.4 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. އަދި ކާޑެއްދޫއަށް 63 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދުގެ ހެނދުނު 06:30 އިން 10:30 އަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ގުގުރުމާއިއެކު ވާރޭ ވެހޭނެކަމަށް ލަފާކޮށްފައިވެއެވެ.
ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތުތައް އެއިދާރާއިން ހިއްސާކުރައްވަމުންގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.