ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.

މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ސަރަޙައްދުތަކަށް ކެރީގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގައި މިއަދު ބޭއްވި މަޢުލޫމާތު ދިނުމުގެ ތެރެއިން އޮފިޝަލް ވިދާޅުވީ ވަޔާއި ކަނޑު އެވްރެޖު ގޮތެއްގައި މަޑުވި ނަމަވެސް ވިލާގަނޑުގައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހުން ފެށިގެން ވަޔާއި ކަނޑުތައް އިތުރަށް ގަދަވާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

އިއްޔެއިން ފެށިގެން ރާއްޖޭގެ ދެކުނާއި އުތުރުގެ އަތޮޅުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ.

މޫސުމީ ލަފާކުރުންތަކުން މިވަގުތު ދައްކާ ގޮތުގައި، މާދަމާ ހެނދުނުން ފެށިގެން މާލެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެއެވެ.

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ ހުޅަނގު މޫސުމުގެ 16 ވަނަ ނަކަތް، ވިހާ ނަކަތުގެ 6 ވަނަ ދުވަހެވެ. މި ނަކަތުގައި އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެއެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.