ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި ރައްޔިތުން ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރޭ މޫސުމީ މަޢުލޫމާތުތަކާއި އިންޒާރުތަކަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއާއި ހުޅުލެއަށް 90 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި، ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީސް އިން މައުލޫމާތު ދެއެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި، ވެރިރަށް މާލެއާއި ކައިރި ސަރަޙައްދުތަކަށް ވިއްސާރަ ދެމިގެންދާނެ ކަމަށް ބެލެވެއެވެ. މިގޮތުން ވިއްސާރަ މޫސުމުގެ އަސަރު މި ސަރަޙައްދުތަކަށް އަދިވެސް ދިގުލައިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ވިއްސާރަ މެދުނުކެނޑި ކުރިއަށްދާތީ، އާންމުކޮށް ފެންބޮޑުވާ ތިރި ސަރަޙައްދުތަކުގައްޔާއި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފަސޭހައިން ފެންބޮޑުވާ ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ އިތުރުވެދާނެ ކަމަށް ބެލެވެއެވެ.

މީގެއިތުރުން، މޫސުން އިތުރަށް ގޯސްވަމުންދާތީ، ދިމާވެދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ވެސް އާންމުންނަށް ވަނީ ބާރުއަޅުއްވާފައެވެ.