ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ މޫސުން ގޯސްވާނީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ދުވަސްވަރު މޫސުން ގޯސްވި ނަމަވެސް، އާންމު ވައި މާ ބޮޑަށް ގަދަވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ. އެގޮތުން އާންމު ގޮތެއްގައި ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، މި ދުވަސްވަރު މޫސުން ގޯސްވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ބައެއް ސަރަހައްދުތަކަށް ވިއްސާރަވެ ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މި ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ހާއްސަކޮށް ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ދަތުރަށް ފުރުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަކީ މުހިންމު ކަމެއް ކަމަށާއި، މި ދުވަސްތަކުގައި މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ސިލްސިލާކޮށް ހިއްސާކުރަމުންދާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.