ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ތަންތަނަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީސް) ހާމަކޮށްފިއެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި ހުކުރު އަދި ހޮނިހިރު ދެ ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އެހެން އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް އަދި ޅ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފައެވެ.އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ނުހަނު ގަދަވާނެތީ، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.