ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގއ. ގެމަނަފުއްޓަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ރެކޯޑުތަކުން ދައްކައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު ގެމަނަފުއްޓަށް 101.8 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 90.3 މިލިމީޓަރުގެ ވާރޭ ވެހުނުއިރު ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު މާލެއަށް ވަނީ 90 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ޢަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ އަސަރުވެސް ދަނީ ފޯރަމުންނެވެ. މި ދެ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދޭ ވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް ދަނީ ޖެހެމުންނެވެ.
ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އުތުރާއި މެދުރާއްޖެތެރޭގައި ވައި ޖެހޭނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.