ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކުން ކަރަންޓު ކެނޑި، އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ރަށު ތެރޭގައި ފެންބޮޑުވެ ބައެއް ގެތަކާއި މުއައްސަސާތަކަށް ފެންވަދެ ކަރަންޓު ކެނޑުމާ ގުޅިގެން، އެމްއެންޑީއެފް އާއި އެންޑީއެމްއޭ އިން އެ ރަށަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ، ކަރަންޓު ކެނޑި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި ރައްޔިތުންނާއި ރަށު ކައުންސިލް ގުޅިގެން ފެންހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެންޑީއެމްއޭ އިން ބުނީ ކޮލަމާފުއްޓަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ޕަންޕާއި، ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ތައްޔާރުކުރުމަށް ބޭނުންވާ ގޯނި ހިފައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން މިހާރު އެ ރަށަށް ދަތުރުކުރަމުންދާ ކަމަށެވެ.
ކޮލަމާފުށި ކައުންސިލްގެ ރައީސް މުސްއަދު ސައީދު ވިދާޅުވި ގޮތުގައި އެ ރަށަށް ބޯކޮށް ވާރޭ ވެހެން ފެށީ ފަތިހުގެ ވަގުތެއްގައެވެ. އަދި ދުވަހުގެ އެކި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ހުކުރު ގަޑީގައި ވެސް ވަރަށް ބޮޑަށް ވާރޭ ވެހުމުގެ ސަބަބުން ރަށުގެ ތެރޭގައި ވަރަށް ބޮޑަށް ފެންގަނޑު ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން ރަށުގެ ތެރޭގައާއި ގެތަކުގައި ފެން ބޮޑުވެފައިވާއިރު، ބައެއް ސަރަހައްދުތަކުން ކަރަންޓު ވެސް ކެނޑިފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.