ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއާ ގުޅިގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ބޭއްވި "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު (އޯއެސްއެޗް) ކޮންފަރެންސް 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ކޮންފަރެންސަކީ ރާއްޖޭގެ މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި، މުވައްޒަފުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން ބޭއްވި މުހިންމު ބައްދަލުވުމެކެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މަހާސިންތާ ބޭއްވީ އައްޑޫ ސިޓީ ހިތަދޫގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އިސް ވެރިންނާއި، ދާއިރާގެ މާހިރުންނާއި، ޞިއްޙީ ޚިދުމަތްތެރިން އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ބައިވެރިވިއެވެ.
ޖުމްލަ 29 ސްޕީކަރުންނާއި ފެސިލިޓޭޓަރުން އަދި ގާތްގަނޑަކަށް 120 ބައިވެރިންނާއެކު ކުރިއަށްދިޔަ މި ކޮންފަރެންސްގައި، މަސައްކަތުގެ މާޙައުލުގައި ދިމާވާ އެކި ނުރައްކާތަކުން ރައްކާތެރިވުމަށާއި މަސައްކަތްތެރިންގެ ޞިއްޙީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރިއެވެ. މީގެއިތުރުން މި ދާއިރާއިން ހުރި ގޮންޖެހުންތަކާއި ފުރުޞަތުތަކުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ.
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙަތަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ދާއިރާއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2 ޖެނުއަރީ 2024 ގައި "މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙަތުގެ ޤާނޫނު" ތަޞްދީޤު ކުރައްވާފައެވެ.
މި ކޮންފަރެންސް ވެގެންދިޔައީ އެ ގައުމީ އިސްނެގުމަށް ބާރުއަޅައި، އެކި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ލިބުނު އަގުހުރި މަންސައަކަށެވެ.
މި ކޮންފަރެންސްގެ ޕާޓްނަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ހަރަކާތްތެރިވި އިރު، ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. ބެވަރޭޖް ޕާޓްނަރަކަށް ތާޒާ ހަމަޖައްސާފައިވާއިރު، ސްޕޮންސަޝިޕް ޕާޓްނަރަކީ އެސްޓީއޯ ހެލްތުކެއާއެވެ.
ކޮންފަރެންސް ނިންމާލަމުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.