އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ބާއްވާ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް، އައްޑޫ ސިޓީ ހިތަދޫ ހައި ސްކޫލުގައި މިއަދު ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސަކީ ރައްކާތެރި އަދި ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް ބާރުއެޅުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގައި ދާއިރާގެ އިސްވެރިންނާއި ތަޖުރިބާކާރުންގެ އިތުރުން ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުން އެއްތަނަކުން ބައްދަލުވެ މަޝްވަރާކުރައްވާނެއެވެ.
މި ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓާޝަރީ ހެލްތު ސާވިސަސް މުހައްމަދު ތޮލާލެވެ.
މި ރަސްމިއްޔާތުގައި އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އަހުމަދު އަދީލް ނަސީރާއި، މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕުގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމްގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި އަހަރުގެ ކޮންފަރެންސް ކުރިއަށްދަނީ 'މަސައްކަތުގެ މާހައުލު ރައްކާތެރި އަދި ދުޅަހެޔޮ ތަނަކަށް ހެދުމާއި އާ ސިނާއަތްތަކަށް ރައްކާތެރި މިންގަނޑުތަކެއް ކަނޑައެޅުން' މި ޝިއާރުގެ ދަށުންނެވެ.
މި ކޮންފަރެންސްގައި އެކި ދާއިރާތަކުން 100 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުން އިންތިޒާމު ކުރާ މި ހަރަކާތް ބާއްވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.