ތ. ވޭމަންޑޫގައި 50 އެނދުގެ ޒަމާނީ އަތޮޅު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އާއެކު 9.7 މިލިއަން ޑޮލަރު (150 މިލިއަން ރުފިޔާ) ގެ ލޯނު އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.

ތ. އަތޮޅުގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށްޓަކައި ހެދި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. ކޭއެފްއޭއީޑީގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިން ޑިރެކްޓަރު ޖެނެރަލް ރަޝަޔަދު އަލީ އަލް ބަދްރެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކުވޭތު ފަންޑުން ރާއްޖެއަށް ފޯރުކޮށްދިން 15 ވަނަ މި ލޯނަކީ ސިއްހީ ދާއިރާއަށް އެ ފަންޑުން ކޮށްފައިވާ ފުރަތަމަ އިންވެސްޓްމަންޓް ކަމަށެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކޭއެފްއޭއީޑީން ވަނީ އަންނަ އަހަރުން ފެށިގެން ރާއްޖެއަށް އަހަރަކު ދޭ ލޯނުގެ ލިމިޓް 10 މިލިއަން ޑޮލަރުން 40 މިލިއަން ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން ތިލަފުށީ ޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުޤުވެރިކަން ކޭއެފްއޭއީޑީން ވަނީ ފާޅުކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، މިދިޔަ ހޯމަ ދުވަހު ކޭއެފްއޭއީޑީގެ އިސްވެރިން ވަނީ ހެލްތު މިނިސްޓަރު ގީލާ ޢަލީއާ ބައްދަލުކުރައްވައި ވޭމަންޑޫގައި ތަރައްޤީކުރާ 50 އެނދުގެ ހޮސްޕިޓަލާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ކުވޭތު ފަންޑާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައެވެ.

އަލަށް ތަރައްޤީކުރާ 50 އެނދުގެ ހޮސްޕިޓަލުގެ ކަންކަން ފުރިހަމަވުމާ ހަމައަށްވެސް، މިހާރު ހުންނަ ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް ރަނގަޅުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ބޭނުންފުޅަކީ ބޮޑު އަގުގައި ދުރު ޙިސާބުތަކަށް ގޮސްގެން ޚިދުމަތް ހޯދަންޖެހޭ ޖެހުން ނިމުމަކަށް ގެނެސް، އަމިއްލަ ރަށުން ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.