އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނައި އިސްލާޙާ ދެކޮޅަށް ޝަރުޢީ މަރުޙަލާ ފެށުމަށް 13 ކައުންސިލަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނެވުނު އިސްލާޙާއެކު އުފެއްދި "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އަށް މާލެ ސިޓީ ކައުންސިލްގެ ބާރުތައް ބަދަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި މި ކަމާ ބެހޭ ޝަރުޢީ މަރުޙަލާ ކުރިއަށް ގެންދިއުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 13 ކައުންސިލަރުންގެ އިއްތިފާޤުންނެވެ.
މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހަޅުއްވަމުން މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ޙުސައިން ފުރުޝާން ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނެވުނު އިސްލާޙާ ގުޅިގެން އުފައްދަވާފައިވާ "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" (ޖީއެމްޓީއެމްއޯ) ގެ މެންޑޭޓުގައި ހުރި ކަންކަމާއި މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށެވެ.
ފުރުޝާން އިތުރަށް ވިދާޅުވީ، އެ އޮފީހަށް ބާރުތައް ދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ޤާނޫނީ ޒިންމާތައް އަލުން ބަހާލައި ނުވަތަ ހަނިކޮށްފައިވާ މިންވަރަށް ރިޢާޔަތްކޮށް، ޤާނޫނަށް ގެނެވުނު އިސްލާޙުގެ މާއްދާތަކާ ދެކޮޅަށް ޝަރުޢީ މަރުޙަލާއެއް ފަށަންޖެހޭ ކަމަށެވެ. އަދި މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން، ޚިޔާލުތަފާތުވުން ހުރި ބާރުތައް ބަދަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދި ހުށަހެޅުއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލަށް ޤާނޫނީ ބާރުތައް ލިބިދީފައިވާކަން ފުރުޝާން ފާހަގަކުރެއްވިއެވެ. ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލުން ޒަމާނުއްސުރެ އަދާކުރަމުން އައި މަސްއޫލިއްޔަތުތައް، މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށަށް އުފެއްދި އޮފީހަކަށް ބަދަލުކުރުމަކީ ދުސްތޫރީ ގޮތުން ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ކައުންސިލްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ސަރުކާރުން ގިނަ ހުރަސްތަކެއް އަޅަމުން ގެންދާ ކަމަށެވެ. ކައުންސިލުން މަގުތައް ހަދައި، ކާނުތައް ސާފުކޮށް، ގަސްތައް ބަލަހައްޓަމުންދާ މަސައްކަތްތައް ރައްޔިތުން ބަލައިގެންފައިވާ ވަގުތެއްގައި، ސަރުކާރުން ކުރާ ޖެއްސުންތައް ބޮޑުވެފައިވާ ކަމަށް މޭޔަރު ތުހުމަތުކުރެއްވިއެވެ.
ސަރުކާރުން ފާސްކުރި އެއްގަމު ދަތުރުފަތުރާ ބެހޭ ޤާނޫނަށް މިދިޔަ މަހު ޢަމަލުކުރަން ފަށާފައިވާއިރު، އެ ޤާނޫނުގެ 101 ވަނަ މާއްދާގެ ދަށުން މާލެ ސަރަޙައްދުގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ރާވައި ހިންގުމަށް 'ޓްރާންސްޕޯޓް މޮބިލިޓީ ފަންޑު' އަދި ޓްރެފިކް ބަލަހައްޓާ ޚާއްޞަ އޮފީހެއް ވަނީ އުފައްދާފައެވެ.
ޤާނޫނަށް ގެނައި މި ބަދަލާއެކު، މާލެ ސިޓީ ކައުންސިލަށް މަހަކު 10 މިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް މޭޔަރު އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.