މާލޭގެ ބިންތަކާއި ދައުލަތުގެ ބަޖެޓާއި ރަސްމީ މަޤާމުގެ ހައިސިއްޔަތު އަމިއްލަ ރިޔާސީ ކެމްޕޭނު ވަސީލަތްތަކަކަށް ހެދުމަކީ ލާމަރުކަޒީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެ، ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އިދިކޮޅު އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ފާޅުކުރެއްވި ކަންބޮޑުވުންތަކުގައި ޝުޖާއު ފާހަގަކުރެއްވީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ދައުވާކުރާ އެމްޑީޕީއަށް، ރަސްމީ މަޤާމުގެ ނުފޫޒާއި ދައުލަތުގެ ވަސީލަތްތައް އަމިއްލަ ސިޔާސީ ބޭނުންތަކަށް ބޭނުންނުކުރެވޭނެކަން ނޭނގުމަކީ ނުހަނު ހިތާމަވެރި ކަމެއް ކަމަށެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ ކައުންސިލްތަކުގެ ބާރުތަކާއި ވަސީލަތްތައް ވަކި ފަރުދެއްގެ ނުވަތަ ވަކި ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެމްޕޭނަށް ބޭނުންކުރުމަކީ ޤާނޫނުގެ ރޫޙާ މުޅިން ޚިލާފު އަމަލެއް ކަމަށެވެ. މާލޭގެ ބިންތައް އަމިއްލަ ރިޔާސީ ކެމްޕޭނު ޖަގަހަތަކަށް ބަދަލުކުރުމަކީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ މަޤްޞަދާ ޚިލާފު ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދައުލަތުގެ ވަސީލަތްތައް ނުހައްގުން ބޭނުންކުރުމާ ދެކޮޅަށް ސިޔާސީ ގޮތުންނާއި ޤާނޫނީ ގޮތުން ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ކައުންސިލްތަކުގެ އަމާޒަކަށް ވާންޖެހޭނީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާއު މިފަދައިން ވިދާޅުވެފައި ވަނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ހިންގަން މާލޭގެ 14 ބިމެއް ސަރުުކާރުގެ ދަށަށް ބަދަލުކޮށްފައިވާތީ، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ރޭ ނިންމުމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.