މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރުމުގެ ސަބަބުން ދިމާވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ކަންމަތިތަކުގައި ޕާކުކުރުން މަނާ ސަރަޙައްދުތައް ފާހަގަކުރުމުގެ އަމަލީ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.
މި މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން މިއަދު މާލެ ސިޓީ ކައުންސިލުން ވަނީ މ. ފުލޫނިޔާ މަގާ ގުޅިފައިވާ ގޯޅިތަކުގެ ކަންމަތިތަކުގައި ޕާކުކުރުން މަނާ ސަރަޙައްދުތައް ފާހަގަކޮށްފައެވެ. އެގޮތުން އެ ސަރަހައްދުތަކަކީ ޕާކުކުރުން މަނާ ތަންތަންކަން އަންގައިދިނުމުގެ ގޮތުން ރީނދޫ ކުލައިގެ ދެ ރޮނގު ދެމުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މީޑިއާއަށް ދެއްވި މައުލޫމާތުގައި ވިދާޅުވީ، މާލޭގެ ކަންކަންމަތީގައި ވެހިކަލްތައް ޕާކުކުރުމުގެ ސަބަބުން މަގުތައް ވަރަށް ބޮޑަށް ތޮއްޖެހި، ދުއްވާ އެއްޗެއްސަށް އަނބުރާލުމަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އަދި މިގޮތަށް ރީނދޫ ރޮނގު ދަމައި ފާހަގަކުރެވޭ ތަންތަނުގައި ޕާކުކުރުމަކީ މަނާކަމެއް ކަމަށާއި، އެ ސަރަހައްދުތަކުގައި އިތުރަށް ޕާކު ނުކުރެވޭނެ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލުން ފެށި މި މަސައްކަތަކީ މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ފަސޭހަ އަދި ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ. ކުރިއަށް އޮތް ތަނުގައިވެސް މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ތޮއްޖެހޭ ކަންކަންމަތީގައި މިފަދައިން ރީނދޫ ރޮނގުދެމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.










ކިޔުންތެރިންގެ ހިޔާލު