މާލޭގެ އުސް އިމާރާތްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެން ލިބުމުގައި ދިމާވާ ޕްރެޝަރުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތްތަކެއް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ފަސް ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަފުތާ ބަންދު ދުވަސްތަކާއި ފެން ބޭނުންކުރާ މިންވަރު އިތުރުވާ ޕީކް ގަޑިތަކުގައި އުސް އިމާރާތްތަކަށް ފެން ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް ހުރެއެވެ. އަދި ބައެއް ގޭބިސީތަކަށް އެއްގޮތަކަށް ވެސް ފެން ނުލިބޭ ކަމުގެ ޝަކުވާތައް ތަކުރާރުކޮށް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި އޮތް މާލީ ބުރައާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅޭ މީހާއާއި ހަވަނަ ފަންގިފިލާގައި ދިރިއުޅޭ މީހާ ވެސް އެމްޑަބްލިއުއެސްސީއަށް ދައްކަނީ އެއްވަރެއްގެ ޓެރިފް ރޭޓެއް ކަމަށެވެ. ނަމަވެސް، މަތީ ފަންގިފިލާތަކަށް ފެން ވާސިލުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް 80,000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ރައްޔިތުން އަމިއްލައަށް އުފުލަން ޖެހުމަކީ މެދުފަންތީގެ އާއިލާތަކަށް ބޮޑު ތަކުލީފެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަކީ ކައުންސިލްގެ ޒިންމާއެއްކަން ފާހަގަކުރައްވައި، މީކާއީލް ވަނީ އެމްޑަބްލިއުއެސްސީއާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ ބައްދަލުކުރުމަށް ހުށަހަޅުއްވާފައެވެ. އަދި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ، އަގުހެޔޮ ތިންވަނަ ފަރާތްތަކުގެ ޕަމްޕުތައް ބޭނުންކުރުމުގެ ހުއްދަ ރައްޔިތުންނަށް ދިނުމަށް ބާރުއެޅުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ.
މީކާއީލްގެ މި ހުށަހެޅުއްވުމަށް މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން ތާއީދުކުރެއްވިއެވެ. މޭޔަރު އާދަމް އާޒިމް ވެސް ވަނީ މި މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ތަކުލީފެއްކަން ގަބޫލުކުރައްވައި، މިކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.









ކިޔުންތެރިންގެ ހިޔާލު