މާލޭގެ ހެންވޭރު ހިސާބުގަނޑުގެ މީހުންނަށް އާންމު އުނދަގޫކުރާ މައްސަލައެއްގައި ހައްޔަރުކޮށް، ފަރުވާއަށް ފޮނުވުމުން ފިލައިގެން އުޅުނު އަޙްމަދު ފައިރިޝް މިއަދު މާލޭން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް އަލުން ގެންގޮސްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް ވިދާޅުވި ގޮތުގައި، ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑްރަގު އޭޖެންސީގެ ފެސިލިޓީން ފިލައިގެން އުޅުނު ފައިރިޝް މިއަދުގެ ވަގުތެއްގައި ފެނިފައިވަނީ މާލޭގެ މަގުމަތިންނެވެ.

ފައިރިޝް އެންމެ ފުރަތަމަ ހައްޔަރުކުރީ އޭނާ މާލޭގެ މަގުމަތީގައި އާންމުންނަށް އުނދަގޫކުރާ މައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއް ވެފައިވާތީ، އެކަމުގެ ކަންބޮޑުވުމުގައި މުޙައްމަދު ސައީދު ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށްގެންދެވި ފަހުންނެވެ. ސައީދު ކުރިއަށްގެންދިޔަ ހަޅުތާލު ނިންމާލީ ގާތްގަނޑަކަށް 35 ގަޑިއިރު ފަހުން، ކަމާބެހޭ މުއައްސަސާތަކުން އެކަމަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ.

އިޝްތިހާރު އިޝްތިހާރު

އެ މައްސަލައިގައި ފައިރިޝްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ފުލުހުން ވަނީ އޭނާ ފަރުވާއަށް އެންޑީއޭގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ. ނަމަވެސް އެ ފެސިލިޓީއަށް ބަދަލުކުރިތާ ކުރު މުއްދަތެއްގެ ތެރޭގައި އޭނާ ވަނީ އެތަނުން ފިލައިގެން ގޮސްފައެވެ.

ފައިރިޝްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި މީހުންނަށް ބިރުދެއްކުމާއި، މުދަލަށް ގެއްލުންދިނުމާއި، މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުން ހިމެނެއެވެ. ފުލުހުން މީގެ ކުރިން ބުނެފައިވަނީ އޭނާއަކީ ތަކުރާރުކޮށް ހައްޔަރުކުރުމަށްފަހު ދޫކޮށްލުމުން އަލުން އެފަދަ ކުށްތަކަށް އަރައިގަންނަ މީހެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ، އާންމު ތަންތަނުގައި މީހުންގެ ގައިގައި ތެޅުމާއި އައުރަ ކަޝްފުކުރުން ފަދަ އަމަލުތަކަކީ ގާނޫނުލްއުގޫބާތުގެ ދަށުން ސީރިއަސް ކުށްތަކެއް ކަމަށެވެ. އެހެންކަމުން، މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން ވެސް އޭނާ ކުރާ ކޮންމެ ކުށަކަށް ވަކިވަކިން ދައުވާކޮށް، އެކަށީގެންވާ އަދަބެއް ދެވޭނެ މަގު ފަހިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.