ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން، ޑޮލަރުން ފައިސާ ބަލައިގަނެވޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މިއީ އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ މަގުސަދުގައި ތައާރަފުކުރި ޚިދުމަތެކެވެ.

މި ޚިދުމަތުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ މާކެޓްތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އުފެއްދުންތެރިންނަށް، ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ބޭރު ކަސްޓަމަރުންގެ ފަރާތުން ފަސޭހަކަމާއެކު ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދިނުމެވެ.

އިޝްތިހާރު އިޝްތިހާރު

ބީއެމްއެލް އިންބުނީ، މި ޚިދުމަތުގެ ދަށުން ލިބޭ ޑޮލަރު ޖަމާވާނީ އެ ވިޔަފާރިއެއްގެ ޑޮލަރު އެކައުންޓަށެވެ. އަދި އެ އެކައުންޓަށް ދޫކުރެވޭ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން، އެކި ބާވަތުގެ އޮންލައިން ސަބްސްކްރިޕްޝަންތަކަށާއި ބައިނަލްއަގުވާމީ އެހެނިހެން މުއާމަލާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ލިބިގެންދާނެކަމަށް ބީއެމްއެލުން ބުންޏެވެ.

މި ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ބީސީސީގެ ޕޯޓަލް މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ. ބީސީސީ މެދުވެރިކޮށް ރިފަރަލް ލިބުމުން، ބޭންކުން އެ ވިޔަފާރިއަކާ ގުޅައި، ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި ރަޖިސްޓްރީ ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި އެ މަސައްކަތްތައް ނިމުމުން ކަސްޓަމަރުންގެ އެކައުންޓާއި ޕޭމަންޓް ގޭޓްވޭ ގުޅުވައިދެވޭނެއެވެ.

މި އިންތިޒާމަކީ ދިވެހި ޒުވާނުންނާއި، ފަންނުވެރިން އަދި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ބާޒާރުގައި ފައިތިލަ ސާބިތުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން، ޑޮލަރުން ފައިސާ ބަލައިގަނެވޭ ގޮތަށް ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އެ އިންތިޒާމު ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވާފައިވަނިކޮށެވެ.

މި އިންތިޒާމަކީ ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް ބޭރު ގައުމުތަކުން ލިބޭ އާމްދަނީ ސީދާ ޑޮލަރުން ބަލައިގަތުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ އިގުތިސާދީ އިސްނެގުމެކެވެ. މި ބަދަލާއެކު ވިޔަފާރިތަކުން ބޭނުންކުރާ ތަފާތު ސަބްސްކްރިޕްޝަންތަކާއި ޚިދުމަތްތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގުވެސް ފަހިވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ކޮންމެ ތަނަކުންވެސް ދިވެހި ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ އެ ވިޔަފާރިތަކުގެ ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެކެވެ. ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށް ކޮންމެ ގައުމަކުންވެސް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ ގޮތް ނޮވެމްބަރު 1 އިން ފެށިގެން ހަމަޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ޑޮލަރުން ލިބޭ މި ފައިސާ އެއްވެސް ދަތިކަމެއް ނެތި ކާޑު ބޭނުންކޮށްގެންނާއި ރެމިޓެންސްގެ ޒަރިއްޔާއިން ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެ ކަމަށެވެ. މީގެއިތުރުން ވިޔަފާރިތަކުން ބޭނުންކުރާ ތަފާތު ޚިދުމަތްތަކަށް ބޭނުންވާ ސަބްސްކްރިޕްޝަން ފަދަ ޕޭމަންޓްތައްވެސް އެ ތާރީޚުން ފެށިގެން ދަތިކަމެއް ނެތި ދެއްކޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލުއިތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ސެކްޓަރުގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ހުރަސްތައް ނެތިގޮސް، ވިޔަފާރިތަކުގެ އާމްދަނީއާއި ފައިދާ އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.