ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ފަރުމާކޮށްފައިވާ "ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިން"ގެ ދެވަނަ ފިޔަވަހި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ އެ ބޭންކާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފުކޮށްފައިވާ ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

މި ފައިނޭންސިން ފެސިލިޓީއަކީ ރާއްޖޭގެ ހުނަރުވެރި ޒުވާނުންގެ ބައިވެރިވުން ހިމެނޭ ވިޔަފާރި ހިޔާލުތައް ހަގީގަތަކަށް ބަދަލުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް އެކުލަވައިލައިފައިވާ ފައިނޭންސިންއެއް ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

ޔޫތު ފައިނޭންސިން ސްކީމް ހާއްސަކޮށްފައިވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މި ސްކީމުގެ ދަށުން އިކުއިޓީއެއް އަދި އެއްވެސް މުދަލެއް ރަހުނުކުރުމަކާ ނުލައި 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަހަރަކު 7 އިންސައްތައިގެ ފައިދާ ރޭޓެއްގައި ދޫކުރާ މި ފައިނޭންސިން އަނބުރާ ދައްކަން ފަށަން ޖެހޭނީ ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކަށް ފަހު ކަމަށް ބީއެމްއެލުން ބުންޏެވެ.

މި ފިޔަވަހީގެ ދަށުން ފައިނޭންސަށް އެދި ހުށަހެޅުމުގެ ކުރިން، ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތް ޒުވާނުންނަށް ދަސްކޮށްދިނުމަށާއި ފައިނޭންސިން އެހީތެރިކަމާއެކު ވިޔަފާރި ހިންގުމުގައި ސަމާލުކަން ދޭން ޖެހޭ މުހިންމު ކަންކަމަށް އަހުލުވެރި ކުރުވުމުގެ މަގުސަދުގައި އޮންލައިންކޮށް ފުރިހަމަ ކުރަން ޖެހޭ މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މި ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މިގޮތުން، އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ނިންމުމުން، މި ފިޔަވައްސަށް ކަނޑައަޅާފައިވާ ޖުމްލަ ފައިނޭންސިންގެ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް އެޕް ބޭނުންކޮށްގެން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިންއާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އަލަށް ތައާރަފު ކުރި މި ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ލިބުނީ އުއްމީދު ކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މިފަދަ ފައިނޭންސިންގެ ފުރުސަތުތަކެއް ޒުވާނުން ބޭނުންވެފައިވާ ތިބިކަން. އެހެންކަމުން، ޒުވާނުންނަށް އެމީހުން ބޭނުންވާ ފަދަ މަސައްކަތް ކުރުމުގެ ފުރުސަތު މި ފައިނޭންސިން މެދުވެރިކޮށް ހޯދައިދެވިފައިވާ ކަމީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް." އޭނާ ވިދާޅުވިއެވެ.

ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.