ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހަވީރު 5:00 އިން މިރޭ 9:00 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރައި، ގަޑިއަކު 45 މޭލަށް ވައިގަދަވާނެއެވެ.
ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބޮޑެތި މަގުތަކުގައި ފެންބޮޑުވެ، އާންމު ދަތުރުފަތުރަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. މަގުތަކުގައި ފެންބޮޑުވެފައިވާ މަންޒަރުތައް އާންމުން ދަނީ މީސްމީޑިއާގައި ވެސް ހިއްސާކުރަމުންނެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީން ވަނީ ފެންބޮޑުވެދާނެ ކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ގެދޮރާއި މުދާ ރައްކާތެރިކުރުމަށްޓަކައި ގޭގޭގެ އޮޅިގަނޑު އުސްކުރުމަށާއި، ވެލިބަސްތާ ޖެހުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަވަހަށް އެޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
އޭގެ އިތުރުން އަގުބޮޑެތި މުދާ ފެން ނުޖެހޭފަދަ އުސް ތަންތަނުގައި ބެހެއްޓުމަށާއި، ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ލަސްނުކޮށް 911 އަށް ގުޅުމަށް އެންޑީއެމްއޭއިން ހަނދާންކޮށްދެއެވެ.
މޫސުން ގޯސްވެ، ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިދާރާތަކުން ވަނީ އަންގާފައެވެ. ކަމާބެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރު ނުފެށުމަށާއި، އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހަމައަށް ހުރިތޯ ބެލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މުދާ އުފުލާ އުޅަނދުފަހަރުގައި މާބޮޑަށް މުދާ ބަރުނުކުރުމަށާއި، ދަތުރުވެރިން ލައިފްޖެކެޓް އަޅައިގެން ދަތުރުކުރުމަށް ވަނީ އިރުޝާދު ދީފައެވެ. ޑައިވިން އަދި ވޯޓަ ސްޕޯޓްސް ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ކަނޑުދަތުރު ނުކުރުމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.