މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 34.52 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %5.3 ގެ ކުރިއެރުމެއް ހޯދައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 32.79 ބިލިއަން ރުފިޔާއެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު އަސާސަކީ ޓެކްސް އާމްދަނީއަށް އައި ބޮޑު ކުރިއެރުމެވެ. އެގޮތުން ޓެކްސް އާމްދަނީ %9.1 މައްޗަށް ގޮސް، 26.70 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ހިއްސާއެއް ވާސިލުކުރީ ފަތުރުވެރިކަމުގެ ދާއިރާގެ ޓެކްސް (ޓީޖީއެސްޓީ) އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ %5 ގެ ކުރިއެރުމަކާއެކު 9.32 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.

އިތުރު ދާއިރާތަކަށް ބަލާއިރު:

އިޝްތިހާރު އިޝްތިހާރު
  • ވިޔަފާރިއާއި މުދަލުގެ ޓެކްސް: %23.7 އިތުރުވެ، 6.07 ބިލިއަން ރުފިޔާ

  • އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީއެސްޓީ): 4.63 ބިލިއަން ރުފިޔާ

  • އިމްޕޯޓް ޑިއުޓީ: %12.3 އިތުރުވެ، 2.90 ބިލިއަން ރުފިޔާ

  • ގްރީން ޓެކްސް: %2.3 އިތުރުވެ، 1.88 ބިލިއަން ރުފިޔާ

ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ކުލި އިތުރުވުމާ ގުޅިގެން މުދަލުން ލިބުނު އާމްދަނީ %28.2 މައްޗަށް ދިޔަ ނަމަވެސް، ޖުމުލަ ގޮތެއްގައި ޓެކްސް ނޫން އާމްދަނީ ވަނީ %8.8 ދަށަށް ގޮސްފައެވެ. އަދި ހިލޭ އެހީގެ ގޮތުގައި މި މުއްދަތުގައި ލިބިފައިވަނީ 0.53 ބިލިއަން ރުފިޔާއެވެ.

އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމުލަ ޚަރަދުތައް ވަނީ މިދިޔަ އަހަރަށް ވުރެ %16.2 އިތުރުވެ، 38.99 ބިލިއަން ރުފިޔާއަށް އަރާފައެވެ. ޚަރަދުތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ރިކަރަންޓް ޚަރަދެވެ. އެގޮތުން ރިކަރަންޓް ޚަރަދުތަކަށް 33.68 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި 5.30 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ހިނގަމުންދާ ޚަރަދުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 6.15 ބިލިއަން ރުފިޔާ އަދި އިދާރީ ހިންގުމަށް 20.28 ބިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ސަބްސިޑީއަށް 4.31 ބިލިއަން ރުފިޔާއާއި އާސަންދައަށް 1.96 ބިލިއަން ރުފިޔާ ހިމެނޭހެން އެހީއާއި ސަބްސިޑީތަކަށް 10.81 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ކައުންސިލްތަކުގެ ގްރާންޓަށް 2.08 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު ބިމާއި އިމާރާތް އަދި ބަނދަރުތައް ހެދުމުގެ ޚަރަދުތަކަށް ވެސް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ.

އާމްދަނީއަށް ވުރެ ޚަރަދުތައް އިތުރުވުމާ ގުޅިގެން، މިދިޔަ މަހުގެ 29 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 4.47 ބިލިއަން ރުފިޔާއިން ޑެފިސިޓްގައެވެ. އަދި ޕްރައިމަރީ ބެލެންސް ވެސް ވަނީ 0.33 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައެވެ.