އަންނަ އަހަރު ރާއްޖޭގެ ޖުމްލަ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށް، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ 4.5 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓު ވާނެ ކަމަށް ލަފާކުރަނީ 9.4 ބިލިއަން ރުފިޔާއިންނެވެ. ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 43.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
އަންނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރޭގައި އެންމެ ބޮޑު ބަޔެއް ހިއްސާކުރަނީ އެތެރޭގެ ދަރޏެވެ. އެގޮތުން އެތެރޭގެ ދަރނީގެ ގޮތުގައި 108 ބިލިއަން ރުފިޔާ ހިމެނޭއިރު، ބޭރުގެ ދަރނީގެ ގޮތުގައި ހިމެނެނީ 43.4 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ދައުލަތުން ގެރެންޓީ ދީފައިވާ ދަރނީގެ މިންވަރު 9.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުގައިވެއެވެ.
އަންނަ އަހަރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި 18.9 ބިލިއަން ރުފިޔާ ހޯދަން ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެ ފައިސާގެ ތެރެއިން 6.9 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ވަނީ ރާވައިފަ އެވެ. މީގެ ތެރޭގައި ލޯނުގެ ގޮތުގައި ހޯދާ 2.3 ބިލިއަން ރުފިޔާއާއި، ބަޖެޓު ސަޕޯޓަށް ހޯދާ 1.8 ބިލިއަން ރުފިޔާގެ އިތުރުން ބޮންޑާއި ސުކޫކު ވިއްކައިގެން ހޯދާ 2.6 ބިލިއަން ރުފިޔާ ހިމެނެއެވެ.
އެތެރޭގެ ފަރާތްތަކުން ޖުމްލަ 11.9 ބިލިއަން ރުފިޔާ ހޯދުމަށް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެއީ އެތެރޭގެ ސެކިއުރިޓީއާއި އެހެނިހެން ގޮތްގޮތުން ހޯދާ 8.6 ބިލިއަން ރުފިޔާއާއި، ދޫކޮށްފައިވާ ލޯނުތަކުން އަނބުރާ ލިބޭ 900 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުން 2.3 ބިލިއަން ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.