މި ހިނގާ އަހަރު ސަރުކާރުން އަނބުރާ ދެއްކި ދަރަންޏާއެކު، އަންނަ އަހަރު ދަރަނި އަދާކުރުމަށް ހޭދަކުރަންޖެހޭ މިންވަރު 4.5 ބިލިއަން ރުފިޔާއަށް ދަށްކުރެވިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ، 2026 ވަނަ އަހަރަކީ ރާއްޖޭގެ މާލީ ތާރީޚުގައިވެސް، ދަރަނީގެ ބުރައިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ބަޖެޓުން ރެކޯޑް ޢަދަދަކަށް ހޭދަކުރި ތާރީޚީ އަހަރެއް ކަމަށެވެ. އެގޮތުން، ފާއިތުވި ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަންޖެހުނު ވަގުތު، މި ސަރުކާރުން އެކަމަށް އިތުރު ދަރަންޏެއް ނުނަގައި، މިއަހަރުގެ މިހާތަނަށް 10.4 ބިލިއަން ރުފިޔާ އަނބުރާ ދައްކާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއަހަރު ނިމޭއިރު ޖުމްލަ 11.7 ބިލިއަން ރުފިޔާ ދަރަނި ދެއްކުމަށް ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި ދަރަނިތައް ދައްކައި ޚަލާޞްކުރުމުގެ ސަބަބުން، 2027 ވަނަ އަހަރު ދަރަނި ދެއްކުމަށް ހޭދަކުރަންޖެހޭ މިންވަރު 4.5 ބިލިއަން ރުފިޔާއަށް ވަނީ ދަށްކުރެވިފައެވެ. މިއީ މުސްތަޤުބަލުގެ ޖީލުތަކަށް އޮތް ބުރަ ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، މީގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިތުބާރު އިތުރުވެ، ރާއްޖޭގެ ކްރެޑިޓް ރޭޓިންގވެސް މަތިވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށުނު ބޮޑު ހަނގުރާމައަކީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ މާލިއްޔާއަށް ކުރިމަތިވި ތިންވަނަ ބޮޑު ޝޮކްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ވައިގެ ދަތުރުފަތުރަށާއި މެދުއިރުމަތީގެ ޓްރާންސިޓް ހަބްތަކަށް ބުރޫއަރައި، ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރިއެވެ.
އެހެންނަމަވެސް، ރާއްޖޭގެ އިޤްތިޞާދީ ވިލުންތެރިކަން ވަރުގަދަވުމާއެކު، 2025 ވަނަ އަހަރާ ގާތްކުރާ އަދަދަކަށް މިއަހަރު ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ބަޖެޓުގައި އަންދާޒާކުރި މިންވަރަށް ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
2027 ވަނަ އަހަރަށް ހުށަހެޅި ބަޖެޓަކީ އިޤްތިޞާދީ ހަމަޖެހުމާއި، މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއެކު، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓްމަންޓްތަކަށް އިސްކަންދީގެން އެކުލަވައިލާފައިވާ ބަޖެޓެއް ކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.