އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ ދިވެހި ރައްޔިތުންގެ މާދަމާގެ ހަމަޖެހުމާއި، ރައްކާތެރިކަމާއި އަދި ޤައުމީ ތަރައްޤީ ކަށަވަރުކޮށްދޭނެ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް ބޭއްވި ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ދިވެހިންގެ ރާއްޖެއެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތައް މި ބަޖެޓުން ފުރިހަމައަށް ސިފަވެގެންދާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، މި ބަޖެޓު ދިރާސާކުރާނީ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީ ގުޅިގެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، އުސޫލާ އެއްގޮތަށް ބަޖެޓު ހުށަހަޅާތާ ހަތް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ބަޖެޓުގެ ބަހުސް މަޖިލީހުގައި ކުރިއަށްގެންދަވާނެ ކަމަށް މަޖިލީހުގެ ރައީސް އިޢުލާންކުރެއްވިއެވެ.

މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައިދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރެވެ. ބަޖެޓު ހުށަހަޅުއްވަމުން ވަޒީރު ވަނީ، ބަޖެޓުގެ އަސްލު މަޤްޞަދު ނުގެއްލޭނެހެން އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓު ފާސްކޮށްދެއްވުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ޤައުމުގެ ތަރައްޤީއަށްޓަކައި މަޖިލީހުން ދެއްވާ އެއްބާރުލެއްވުމަށްޓަކައި މެންބަރުންނަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ބޮޑުބައެއް ޙިއްޞާކުރަނީ ރިކަރަންޓް ޚަރަދެވެ. އެއީ 42.7 ބިލިއަން ރުފިޔާއެވެ. މީގެއިތުރުން، ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މިއަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު، އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ 4.5 ބިލިއަން ރުފިޔާ މަދު، ޚަރަދު ކުޑަކުރުމަށް އިސްކަންދީފައިވާ ބަޖެޓެކެވެ.